ހުޅުމާލޭގައި ތަރައްގީ ކުރާ ކޮވިޑް ވިލެޖަށް ބޭނުންވާ ބައެއް ސާމާނު ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމަން އެއާލައިންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި ބިމަން އެއާލައިނުން ރާއްޖެ އައިސްފައިވަނީ ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ކޮވިޑް ވިލެޖުގެ މަސައްކަތް ނިންމުމަށް ކޮންމެހެން ބޭނުންވާ ބައެއް މެޑިކަލް ސަޕްލައި ހިފައިގެން ކަމަށެވެ.
މީގެ އިތުރުން ސްޓޭލާ އޭވިއޭޝަން އާއި ބިމަން އެއާލައިން އަދި މި ތަކެތި ރާއްޖެއަށް ގެނައުމުގައި އެހީތެރި ވި ސަރުކާރުގެ އެޖެންސީތަކަށް މޯލްޑިވިއަން އިން ޝުކުރު އަދާކޮށްފައި ވެއެވެ.
ކޮވިޑް 19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުމާލެގައި ކޮވިޑް ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓާ ކައިރީގައެވެ. ކޮވިޑް ވިލެޖުގައި 300 އެނދު ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ޖުމުލަ 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އެއީ ކޮންސްޓްރަކްޝަން މަސައްކަތަށް 12 މިލިއަން ރުފިޔާ އާއި މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް އިތުރު 28 މިލިއަން ރުފިޔާއެވެ.