ދުނިޔެ

ކޮވިޑް 19 : އެއްމަސް ތެރޭ ބްރެޒިލްގެ ދެވަނަ ހެލްތު މިނިސްޓަރަކު މަގާމާއި ދުރަށް!

މިންހާ ފާއިޒް ރަޝާދު

ސަރުކާރުން ކޮވިޑް19ގެ ކަންކަން ކުރަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން ބްރެޒިލްގެ ހެލްތު މިނިސްޓަރު ނެލްސަން ޓައީސް އިސްތިއުފާދެއްވައިފިއެވެ. އޭނާ މަގާމުން އިސްތިއުފާ މި ދެއްވީ މަގާމަށް އައްޔަންކުރެއްވިތާ މަހެއްވެސް ނުވަނީހެވެ.

ނެލްސަން އިސްތިއުފާ ދެއްވީ، ރައީސް ޖަޔާރު ބޮލްސޮނާރޯ އެގައުމުގައި ޖިމްއާއި ބިއުޓީ ޕާލަރުތައް ހުޅުވުމަށް ހުއްދަދެއްވުމާއި ގުޅިގެން އެކަމާ ފާޑުވިދާޅުވުމަށްފަހު އެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްތިއުފާދެއްވި ސަބަބު ވިދާޅުވެފައެއް ނުވެއެވެ.

ނެލްސަންގެ ކުރިން އެގައުމުގައި ހުންނެވި ހެލްތު މިނިސްޓަރު މަގާމުން ވަކިކުރެއްވީ ރައީސް ބޮލްސޮނާރޯއާ ދެބަސްވުމުންނެވެ.

ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށާއި އެހާ ސީރިއަސް ބައްޔެއް ގޮތުގައި ނުނަންގަވާތީ އެގައުމުގެ ރައީސަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ފާޑުކިޔުންވެސް ވަނީ އަމާޒު ވެފައެވެ.

ބްރެޒިލް ވަނީ ޖަރުމަނާއި ފްރާންސަށްވުރެވެސް ބޮޑު ސާޖަކާއެކު ކޮވިޑް19 ގެ އެންމެ ހޮޓްސްޕޮޓްސް ގައުމުތެރޭ ހިމެނިގެން ގޮސްފައެވެ. އެގައުމުގައި 218،000އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ފާއިތުވި 24ގަޑިއިރު ތެރޭ އެކަނިވެސް ވަނީ ބަލި ޖެހިފައިވާ 15،305 މީހުން ފެނިފައެވެ. ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 14،817އަށް ވުރެ މައްޗަށް އަރައިފަ އެވެ.