ކުއްލި ޚަބަރު

އިތުރު ތިން މީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ 49 އަށް

އިތުރު ތިން މީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ 49 އަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 46 އަށް އިތުރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ވިދާޅެއް ނުވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 49 އަށް އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް އެޗްޕީއޭ އިން އަޕްޑޭޓް ކުރަމުން އަންނަ ކޮވިޑް 19ގެ ޑޭޝްބޯޑުގައި ބުނެފައިވާ ގޮތުން މިއަދު ހަތަރު މީހަކު ރަނގަޅުވެފައިވެ އެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ. އަދި އޭގެ ތެރޭގައި 12 އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1020 އަށް އަރައިފަ އެވެ. އެއީ މިއަދު ޕޮޒިޓިވްވި 38 މީހުންނާއެކު އެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި ބަންގުލަދޭޝްގެ އަށް މީހަކާއި ނޭޕާލް މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެ އެވެ.