މީޑިއާ ކައުންސިލުން ދޭ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް ހޮވުނީ މިހާރު ނޫހުގެ އައިމިނަތު ޝިފްލީން އެވެ. ޝިފްލީނަށް އެވޯޑުދޭން ސްޓޭޖަށް ވަޑައިގެންދެއްވުން އެދި ދެންނެވީ ރާއްޖޭގެ މަޝްހޫރު ވާހަކަލިޔުންތެރިޔާ އިބްރާހީމް ހުސެއިން މަނިކަށެވެ. ޝިފްލީނަށް ހަވާލުކޮށްދެއްވުމަށް އެވޯޑާއި މާބޮނޑި އަދި ހަނދާނީ ލިޔުން މަނިކު އަތްޕުޅަށް ދިން ނަމަވެސް އޭނާ ވަނީ އެ އިނާމާ ހަވާލުވާން ސްޓޭޖަށް އަރައި އަރިހުގައި ހުއްޓި ހުރި ނޫސްވެރިޔާ ޝިފްލީނަށް އެތަކެތި ނުދެއްވައި އެތަކެތި ހިއްޕަވައިގެން ސްޓޭޖުން ފައިބައިވަޑައިގެންފަ އެވެ.
އެ މަންޒަރުވީ ޓީވިން ބަލަން ތިބި މީހުންނަށް ވެސް އަދި އެ ވަގުތު ދަރުބާރު ގޭގައި ހާޒިރުވެ ތިބި މީހުންނަށް ވެސް ވަރަށް އައިބު ކަމަކަށެވެ.
ދެން ފެނުނީ ޝިފްލީން މަނިކުގެ ފަހަތްޕުޅުން ސްޓޭޖުން ފޭބި މަންޒަރެވެ. މަނިކުގެ އިންނެވި މޭޒު ކައިރިޔަށް ވަޑައިގެން އެވޯޑު ދެއްވާނެ ކަމަށް ޝިފްލީން އުއްމީދުކުރީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ދެން ވެސް ފެނުނީ އެހެން މަންޒަރެކެވެ. މަނިކު ވަޑައިގެން އޭނާ އިންނެވި ގޮނޑީގައި އިށީނދެ ވަޑައިގެން އެވޯޑު ބެހެއްޓީ އޭނާގެ މޭޒު މަތީގަ އެވެ. ޝިފްލީން އެމޭޒު ކައިރީ އިރުކޮޅަކު ހުއްޓި ހުރެ އެވޯޑު ދިނުމަށް އެދުނުތަން ފެނުނެވެ. އެކަމަު މަނިކު ނުދެއްވި އެވެ. އެހާ ހިސާބުން ޝިފްލީން އެނބުރި ގޮސް އޭނާގެ މޭޒުގައި އިށީނީ އެވެ.
އޭގެ އިރުކޮޅެއް ފަހުން މަނިކުގެ މޭޒުގައި ދެން ތިބި ބައެއް މީހުން އޭނާއާ ވާހަކަތަކެއް ދެއްކި މަންޒަރު ފެނުނެވެ. އޭގެ އިރުކޮޅެއް ފަހުން މަނިކު ޝިފްލީން އިން މޭޒަށް ވަޑައިގެން އެވޯޑު ޝިފްލީން އަށް ދެއްވި އެވެ. އޭގެ އިރުކޮޅެއް ފަހުން މީޑިއާ ކައުންސިލުގެ އޮފިޝަލުން ވެސް މަނިކު އިންނެވި މޭޒު ކަރިޔަށް ވަޑައިގެން ވާހަކަތަކެއް ދެއްކެވި މަންޒަރު ފެނެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ އާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެތައް އިއްޒަތްތެރީންނެއް ވެސް ތިއްބެވި އަދި ވަގުތުން ލައިވް ކުރަމުން ދިޔަ ރަސްމިއްޔާތެއްގައި، މިފަދަ ކަމެއް ހިނގުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އަދި އެއީ ކިހިނެއް ވީ ކަމެއްކަން ނޭނގިގެން ވެސް ގިނަ ބަޔަކު އަންނަނީ ވާހަކަދައްކަމުންނެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މަނިކު މިއަދު ވިދާޅުވީ އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ.
"އެއީ ވަރަށް ބޮޑު އޮޅުމެއް. އަޅުގަނޑު ހީކުރީ އަޅުގަނޑަށް ލިބުނު އެވޯޑެއް ކަމަށް. ސްޓޭޖަށް ގޮވި އިރު ވެސް އެކަން ރަނގަޅަށް ސާފު ނުވީ." މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓޭޖަށް އަރައިލަން ޖެހޭނެ ކަމަށް މީޑިއާ ކައުންސިލުން ކުރީންވެސް ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ އިނާމެއް އެހެން މީހަކަށް ދެއްވަން ކަމެއް ނޫނީ އިނާމެއް ލިބިވަޑައިގަންނަވާތީކަމެއް ވިދާޅު ނުވާ ކަމަށް މަނިކު ވިދާޅުވި އެވެ.