ކުއްލި ޚަބަރު

މާލޭ މިސްކިތެއްގެ އިމާމަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލެ ސިޓީ މިސްކިތެއްގެ އިމާމަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އިސްމައީލް އަފްރާހު ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ހެންވޭރުގައި ހުންނަ އިބްރާހިމް މިސްކިތުގެ އިމާމު ކަމަށާއި އޭނާ ޕޮޒިޓިވްވިކަން ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެންގި އިރު އޭނާ ހުރީ އަސަރު ނަމާދު ބަންގި ގޮވުމަށް މިސްކިތަށް ގޮސް ކަމަށެވެ.

އަފްރާހު ވިދާޅުވީ އެ އިމާމު ޕޮޒިޓިވްވީ މަގުމަތިން ނެގި ރެންޑަމް ސާމްޕަލަކުން ކަމަށެވެ.

އިމާމު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ މިސްކިތް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އަފްރާހު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އިމާމު އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭގެ ޓީމެއް އަންނަންދެން އޭނާ އަދިވެސް ހުރީ މިސްކިތުގައެވެ.

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލައި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ ބަންދުކޮށްފައެވެ.