މޫސުން ގޯސްވުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮރެންޖް އެލާޓެއް ނެރެފިއެވެ.
އޮރެންޖް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދުތަކަށް އެލާޓު ނެރުނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 7:00 އަށެވެ. އެ ސަރަހައްދުތަކަށް ކަނޑުގަދަވުމުގެ އިތުރުން އާންމުކޮށް ވައިޖެހޭނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ ވާރޭ ނުވަތަ ހަ ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭވެހޭނެ ކަމަށް ލަފާކުރެވޭނަމައެވެ. އަދި އާދަޔާ ހިލާފަށް ބާރަށް ގުގުރުން ނުވަތަ ގުގުރާފާނެ ކަމަށް ލަފާކުރުމުގެ އިތުރުން ވައި ޖެހޭ މިންވަރު 34 މޭލާ 42 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭނަމަ ވެސް އޮރެންޖް އެލާޓް ނެރޭނެ ކަމަށް މެޓުން މައުލޫމާތުދެއެވެ.
ރާއްޖޭގެ މޫސުން ބަދަލުވެ ހުޅަނގު މޫސުން ފެށިފައިވާ އިރު، ކުރިޔަށް އޮތް ފަސްދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.