ކުއްލި ޚަބަރު

ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ބަޔަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް

އަލީ ޔާމިން

ކ. ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ބަޔަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ، އެރަށުގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކައުންސިލަށް މިއަދު އަންގާފައިވާ ކަމަށާއި، އެއާއެކު އެރަށް މޮނީޓަރިންގެ ހާލަށް ގެނެސްފައިވާކަންވެސް އަންގާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރިހެބުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ އަންހެނަކާއި ދެ ފިރިހެނުންނެވެ.

ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރަކީ އެތަނުން ފަރުވާ ހޯދަމުން އަންނަ މީހުން ކޮންމެ ދުވަހަކުވެސް ވަދެ ނިކުމެ އުޅޭތަނެއްކަމުން އެމީހުންނަށް އެ ބަލި ޖެހުނު ގޮތެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެޗްޕީއޭއާއި ކަމާ ގުޅުންހުރި ފަރާތްތަކުން މިހާރު އަންނަނީ އެ ސެންޓަރުގައި ތިބި މީހުންނަށް ބަލިޖެހުނު ގޮތް ހޯދުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ހިންމަފުށި ރިހެބަކީ 170 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ސެންޓަރެކެވެ. މި ސެންޓަރުގައި މިހާރުވެސް ގިނަބަޔަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.