ނ. މަނަދޫން އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން މަނަދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ނަޒީދު ވިދާޅުވީ، އެރަށުން ނެގި 34 ސާމްޕަލްގެ ތެރެއިން ނުވަ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކައުންސިލަށް މިއަދު އަންގާފައިވާ ކަމަށެވެ.
އެނގިފައިވާގޮތުގައި ޕޮޒިޓިވްވެފައިވަނީ ހޯމް އައިސޮލޭޝަންގައި ތިބި ބައެކެވެ. އަދި އެމީހުން މިހާރުވެސް ތިބީ ރަށުގައެވެ.
މަނަދޫއިން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެ ކޭސްގެ މައުލޫމާތު ހާމަކުރައްވަމުން ޑރ. އިބްރާހިމް އަފްޒަލް ކުރިން ވިދާޅުވީ، އެ އަންހެން މީހާއަކީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް އައި މީހެއް ކަމަށާއި، އޭނާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވުމުން އެކަން ކަށަވަރު ކުރުމަށް ހެދި ދެވަނަ ސާމްޕަލުން ނެގެޓިވްވެފައިވާ ކަމަށެވެ. އަދި އެމީހާގެ ތިން ވަނަ ސާމްޕަލުން އަނެއްކާވެސް ބައްޔަށް ޕޮޒިވްވެފައިވާ ކަމަށް ޑރ. އަފްޒަލް އަފްޒަލް ވިދާޅުވިއެވެ. އެ ކޭސްއާ ގުޅިގެން އޭނާގެ ކޮންޓެކްޓް ރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސް 15 މީހަކު އައިސޮލޭޓް ކުރިއެވެ.
އެ މީހުންނަކީ މުޅިންވެސް ސިއްހީ އެހީތެރިންނެވެ. ނަމަވެސް މިއަދު ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ސިއްހީ އެހީތެރިން ހިމެނޭކަން ނުވަތަ ނޫން ކަމެއްވެސް ސާފުވެފައެއް ނުވެއެވެ.
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނަދޫ އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. އެހެންވެ، އެ ރަށަށް އަރައި ފޭބުމާއި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުކުތުމަކީ މަނާ ކަމެކެވެ.