މިންހާ ފާއިޒް ރަޝާދު
ކޮވިޑް19އަށް ފަރުވާއެއްގެ ގޮތުގައި ބައެއް ގައުމުތަކުގައި ބޭނުން ކުރަން ފަށާފައިވާ ބޭސް ރެމްޑެސިވިއާ އުފެއްދުމަށް އިންޑިއާ އަދި ޕާކިސްތާނަށް ހަވާލުކޮށްފިއެވެ.
އެމެރިކާގެ ގިލިއަޑް ފާމަސޫޓިކަލް އިން އުފައްދާފައިވާ މި ބޭހަކީ އެބޯލާއަށް ފަރުވާ ކުރުމަށް އުފެއްދި ބޭހެކެވެ. ނަމަވެސް އެ އެގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ވަނީ ކޮވިޑް19 ޖެހި ހާލު ސީރިއަސްވާ މީހުންނަށް މިބޭސް ދިނުމުގެ ހުއްދަ ދީފައެވެ.
ރެމްޑެސިވިއާ މިހާތަނަށް ޓެސްޓުކޮށްފައިވާ ގައުމުތަކުން ވަނީ ބަލީގެ އަލާމާތްތައް ހުރި މީހެއް ނަމަ މި ބޭސް ބޭނުންކުރުމުން 15 ދުވަހުގެ ބަދަލުގައި 11 ދުވަހުން ރަނގަޅުވާކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. ބަލި މީހާގެ ހަށިގަނޑުގައި ހުންނަ އިންފެކްޝަންތައް އިތުރުވުން މި ބޭހުގެ ސަބަބުން ހުއްޓުވާ ކަމަށް ވެއެވެ.
ގިލިއަޑް އިން މި ބޭސް އިތުރަށް އުފެއްދުމަށް ހަވާލުކުރީ އިންޑިއާ އަދި ޕާކިސްތާނުގެ ބޭސް އުފައްދާ ފަސް ކުންފުންޏަކާ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ 127 ގައުމަކަށް ބޭސް އަވަހަށް އުފައްދައި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ގިލިއަޑުން ނެރުނު ބަޔާނުގައި ވެއެވެ. ގިލިއަޑުން ބޭސް އުފައްދާ ގޮތުގެ ޓެކްނޮލޮޖީ އެ ކުންފުނިތަކާ ހަވާލު ކުރާނެ ކަމަށާއި އޭގެ ސަބަބުން އަވަހަށް ބޭސް އުފެއްދޭނެކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްލާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދުނިޔެއަށް އިއުލާނުކޮށްފައިވާ ކޮވިޑް19ގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުން ނުވަތަ ބޭސް އުފައްދާ އެހެން ފަރާތަކުން ބޭހެއް އުފެއްދުން ނުވަތަ ބައްޔަށް ފަރުވާއެއްގެ ގޮތުގައި ވެކްސިނެއް އުފެއްދެންދެން ރެމްޑެސިވިއާ ބޭހުގެ ލައިސެންސްވެސް ރޯޔަލްޓީ ފްރީ ވާނެ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.
ބޭސް އުފައްދަން ހަވާލުކުރި އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ހެތެރިއޯ ލެބްސް ކިޔާ ކުންފުނިން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ބޭހުގެ އަގު ނިންމަން އަދި އަވަސް ކަމަށާއި، ބޭސް އުފައްދަން ފަށާނެ ތާރީހު ވެސް ބުނަން އަވަސް ކަަމަށެެވެ.
"ޖޫން ހިސާބުގަ ކަންކަން ހަމަޔަކަށް އެޅޭނީ. ސަރުކާރުގެ އިދާރާތަކުން ބޭސް ކޮންޓްރޯލު ކުރާނެހެން ހީވަނީ. އެންމެ މުހިންމު މަގުސަދަކީ އިންޑިއާއިން މިބޭސް ބޭނުން ކުރަން ފަށައިފި ކަމުގައިވާނަމަ މިގައުމަށް ބޭނުންވާ ވަރަށް ބޭސް ލިބެން ހުރުން" ކުންފުނީގެ އެމްޑީ މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވިއެވެ.
އެއް ބިލިއަން ޑޮލަރުގެ އެ ކުންފުންޏަކީ އެންޓި ރެޓްރޯވައިރަލް ބޭސް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އޭގެ ތެރޭގައި އެޗްއައިވީ އެއިޑްސް ހުންނަ ފަސް މިލިއަން މީހުނަށް ބޭސް ފޯރުކޮށްދެއެވެ. ހެޓެރިއޯ ލެބްސް އިން 300 ޕްރޮޑަކްޓް ދުނިޔޭގެ 36 މެނުފެކްޗަރިން ފެސިލިޓީގައި އުފައްދަމުން ދެއެވެ.
މި ބޭސް އިންޑިއާއިން ބޭނުން ކުރާނެ ކަމަކަށް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރު) ގެ ސީނިއާ ސައިންޓިސްޓަކު ވަނީ މި ބޭސް އިންޑިއާގެ ކުންފުނިތަކުން އުފެއްދޭ ކަމުގައިވާނަމަ ބޭނުން ކުރުމާމެދު ދެވަނަ ވިސްނުމަކަށް ދާނެކަމަށް ވިދާޅުވެފަ އެވެ.