ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް ސަރުކާރަށް ފާޑުކިޔައި ސުވާލުތަކެއް ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޓުވިޓާ އެކައުންޓް ހެކްކޮށް އެ އެކައުންޓުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ކޮވިޑުގެ ބަލިމަޑުކަމުގެ ވަގުތުގައި އެގައުމުގެ ރައްޔިތުންނަށް އެހީވަމުން އަންނަ ކަމަށެވެ. ދިވެހި ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން ނުދެނީ ކީއްވެތޯ ވެސް އެ ޓުވީޓުގައި ސުވާލުކޮށްފައިވެއެވެ.
އެ ޓުވީޓުގައި ބުނެފައިވަނީ ސަރުކާރުގެ އެތެރޭގައި ސަރުކާރުގެ އިސް ބޭފުޅުން ހިންގަމުންދާ ހަޑި އަމަލުތަކާ ގުޅޭ މައުލޫމާތުވެސް ލިބިފައިވާ ކަމަށާއި ރައްޔިތުންގެ ފައިސާއިން ސަރުކާރުގެ އިސް ބޭފުޅުން ކުރަމުންގެންދާ ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ.
ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ އެކައުންޓް ހެކްކޮށްފައިވާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޓުވީޓާ އެކައުންޓް މިރޭ ހެކް ކުރި އިރު، އެ މިނިސްޓްރީގެ ފޭސްބުކް އެކައުންޓު ވެސް ވަނީ ހެކްކޮށްފައެވެ. އަދި ދާދި ފަހުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓު ހެކްކޮށް ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯގައި ސަރުކާރުގެ އިދާރާތަކުގެ ޒާތީ މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.