މިހާރު އަންދާޒާ ކުރެވޭގޮތަށް ބަލާއިރު، އެހާބޮޑު ސާޖެއް ނާންނާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރެވުނަސް ސާޖެއް އައިސްފިނަމަ އެކަން ދެނެގަނެވޭނެ ގޮތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ސާޖެއް އަތުވެއްޖެނަމަ ފުލޫ ކްލިނިކްތަކަށް ދާ މީހުންގެ އަދަދާއި އެނދުމަތިކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުންގެ ތެރޭގައި ބަލީގެ ބޮޑު ސާޖެއް އަަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން އަޔަސް އަންނާނީ ކުޑަ ސާޖެއް ކަމަށް ވިދާޅުވިއެވެ.
"އަދި ސާޖް އޮތީ އަންނަން. ކުރިން އަންދާޒާ ކުރި ޑިއުރޭޝަަން އަދި ނުނިމޭ. ފެންނަ ނަންބަރުތަކަށް ރިލެކްސް ވެވޭކަށް ނެތް. ލޮކްޑައުންއަކީ ސާޖު އެންމެ ބޮޑަށް ތިރިކޮށްލެވޭނެ ފިޔަވަޅު. އެގޮތުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ލޮކްޑައުންގެ މުއްދަތު އިތުރުވިވަރަކަށް މީހުންގެ ދިރުއުޅުންވެސް އެގޮތަށް ހޭނެމުން އަންނަތަން. އެހެންވެ އެސާޖު އަދި ނުފެންނަނީ ކަމަށް ވެދާނެ. ދެން ބެލެވެނީ ސާޖެއް އަޔަސް އަންނާނީ ވަރަށް ކުޑަ ސާޖެއް ކަމަށް" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑޮކްޓަރުން މީގެ ކުރިން ލަފާކޮށްފައިވަނީ މިމަހުގެ 31 ވަނަ ދުވަހަކީ ބަލީގެ ޕީކެއް އަންނާނެ ދުވަސް ކަމަށެވެ. އެގޮތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ މޫސާ ވިދާޅުވީ، މިމަހުގެ 31 ވަނަ ދުވަހަކީ ބަލީގެ ޕީކެއް އަންނާނެ ދުވަސްކަމަށް ލަފާކުރެވޭ ކަމަށާއި، އެދުވަހު އެކަނިވެސް 1،600 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ޕީކުގައި ވެސް ގިނަ ކޭސްތައް ފެންނާނީ އެއްތަނެއްގައި ދިރިއުޅޭ މީހުންގެ ފުށުން ކަމަށާއި އެއްތަނެއްގައި ދިރިއުޅޭ މީހުންގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށެވެ. އަދި މިހާރުވެސް މަޑުމަޑުން ގޭބިސީތަކުން ވެސް ކޭސްތައް ފެންނަކަން ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއިން މިހާތަނަށް 982 މީހަކަށް ބަލި ޖެހިފައިވާއިރު، އެބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި 46 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.