ކުއްލި ޚަބަރު

ކޮވިޑް ޖެހިފައި ވަނިކޮށް ފިލި ހަތް މީހުންގެ ތެރޭން އިތުރު އެކަކު ފެނިއްޖެ، އަދިވެސް ދެމީހަކު ނުފެނޭ: މަބްރޫކް

ކޮވިޑް ޖެހިފައި ވަނިކޮށް ފިލި ހަތް މީހުންގެ ތެރޭން އިތުރު އެކަކު ފެނިފައިވާ ކަމަށް މިހާރު ނުފެނި ވަނީ ދެމީހަކު ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވިއެވެ.

ފިލި މީހުންގެ ތެރެއިން އިތުރު އެކަކު ފެނިފައިވާ ކަމަށް މަބްރޫކު ވިދާޅުވެފައިވަނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އެކަކު މިހާރު ހޯދިއްޖެ. ބާކީ އަޅުގަނޑުމެންނަށް ނުފެނި ތިބީ ދެމީހުން." އޭނާ ވިދާޅުވިއެވެ.

އެކި ސައިޓްތަކާއި ރެންޑަމްކޮށް ނަގަމުން އަންނަ ސާމްޕަލްތައް ނެގުމަށްފަހު އެމީހުންގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ހޯދުމަށްފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ޓެސްޓުގެ ނަތީޖާތައް އެމީހުންނާ ހިއްސާކުރަމުންނެވެ. އެގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ގުޅިފައި ނުވާތީ އެޗްޕީއޭ އިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ.

އެމީހުން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް ރޭ މަބްރޫކު ވަނީ ވިދާޅުވެފައެވެ.