ކުއްލި ޚަބަރު

އަނެއްކާވެސް އިތުރު ހަ މީހުން ކޮވިޑުން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ 46 އަށް

އަނެއްކާވެސް އިތުރު ހަ މީހުން ކޮވިޑުން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ 46 އަށް އަރައިފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ހަ މީހަކު މިއަދު ބަލިން ރަނގަޅުވެ، ޖުމްލަ އަދަދު 46 އަށް އަރާފައިވާ ކަމަށެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ފަސް ފިރިހެނުން ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑުގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިރެޔާ ހަމައަށް ރާއްޖޭގައި އިތުރު 27 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު މެންދުރު ވަނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 27 މީހުންގެ ތެރެއިން 13 މީހެއްގެ މައުލޫމާތު ހާމަކޮށްފައެވެ. އެއީ އަށް ދިވެހިންނާއި ބަންގުލަދޭޝްގެ ފަސް މީހުން ކަމަށް އެ އެޖެންސީން މައުލޫމާތުދެ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ހަތަރު މީހެކެވެ. އެއީ ތިން ދިވެހިންނާއި ބަންގުލަދޭޝް ފިރިހެނެކެވެ. މަރުވި ދިވެހިންގެ ތެރޭގައި ދެމަފިރިން ހިމެނެ އެވެ.