ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 982 އަށް އަރައިފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިރެޔާ ހަމައަށް ރާއްޖޭގައި އިތުރު 27 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު މެންދުރު ވަނީ އެ 27 މީހުންގެ ތެރެއިން 13 މީހެއްގެ މައުލޫމާތު ހާމަކޮށްފަ އެވެ. އެއީ އަށް ދިވެހިންނާއި ބަންގުލަދޭޝްގެ ފަސް މީހުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ހަ މީހަކު މިއަދު ބަލިން ރަނގަޅުވެ، ޖުމްލަ އަދަދު 46 އަށް އިތުރުވެފައިވާ ކަމަށެވެ. މިއަދު ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ފަސް ފިރިހެނުން ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ހަތަރު މީހެކެވެ. އެއީ ތިން ދިވެހިންނާއި ބަންގުލަދޭޝް ފިރިހެނެކެވެ. މަރުވި ދިވެހިންގެ ތެރޭގައި ދެމަފިރިން ހިމެނެއެވެ.