ދުނިޔެ

ފިތުރު އީދު ޗުއްޓީގައި ސައުދީ އަރަބިއްޔާގައި ކާފިއު ހިންގަން ނިންމައިފި

މުހައްމަދު އައުޒަމް

ފިތުރު އީދު ޗުއްޓީގައި ސައުދީ އަރަބިއްޔާގައި ކާފިއު ހިންގަން ނިންމައިފިއެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މުޅި ސައުދީގައި ކާފިއު ހިންގަން ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރޯދަމަހުގެ ފަހު ދުވަސްތަކުން ފެށިގެން ފިތުރު އީދު ނިމެންދެން ހިންގުމަށް ނިންމާފައިވާ ކާފިއުގެ މަގުސަދަކީ އެގައުމުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ކުރާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

ސައުދީ އަރަބިއްޔާގައި މިހާރުވެސް ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ވިޔަފާރިކުރުމާއި މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށް ހުއްދަ ދީފައިވެއެވެ. ނަމަވެސް އަދިވެސް މައްކާ އޮތީ އަދިވެސް ފުލް ލޮކްޑައުނެއްގައެވެ.

ގަލްފް ސަރަހައްދުން ކޮވިޑް19 އެންމެ ބޮޑަށް ފެތުރިފައިވަނީ ސައުދީގައެވެ. އެގައުމުގައި 42،925 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 264 މީހުން މި ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

ސައުދީގައި ފިޔަވަޅުތައް ހަރުކަށިކުރުމަށް މީގެކުރިން ވަނީ 24 ގަޑިއިރުގެ ކާފިއު އިއުލާންކޮށްފައެވެ. ނަމަވެސް ރޯދަމަހާ ދިމާކޮށް ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނަށް ލުއިތަކެއް ދީފައެވެ.