ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް އިތުރުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
މާލެއިން ކޮވިޑް ޖެހިފައިހުރި މީހަކު ފެނުމާއި ގުޅިގެން، މާލެ، ވިލިމާލެ އަދި ހުޅުމާލެ ފުރަތަމަ ލޮކްޑައުން ކުރީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު، 24 ގަޑިއިރަށެވެ. ނަމަވެސް މުއްދަތު ހަމަވުމާއެކު އޭޕްރީލް 16 ވަނަ ދުވަހު އިތުރު 24 ގަޑިއިރަށް ލޮކްޑައުންގެ މުއްދަތު ދަންމާލިއެވެ. އެޔަށްފަހު އޭޕްރިލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރިއެވެ. އެ މުއްދަތު އޭޕްރީލް 30 ވަނަ ދުވަހަށް ހަމަވާން ދަނިކޮށް، 29 ވަނަ ދުވަހު އަނެއްކާވެސް އިތުރު 14 ދުވަހަށް ލޮކްޑައުންގެ މުއްދަތު އިތުރުކޮށް، މިމަހުގެ 14 ވަނަ ދުވަސް (މާދަމާގެ ނިޔަލަށް) ލޮކްޑައުންގެ މުއްދަތު އިތުރުކުރިކަން އިއުލާނުކުރި އެވެ.
މައިމޫނާ ސޮއިކުރައްވައި އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މި ފަހަރުގެ ލޮކްޑައުން މިއީ 24 ގަޑިއިރުގެ ދެ ލޮކްޑައުން ނިމި، 14 ދުވަހުގެ ދެ ލޮކްޑައުން ވެސް ނިމި، ފެށޭ 14 ދުވަހުގެ ތިން ވަނަ ލޮކްޑައުން އެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.
އެހެންކަމުން ލޮކްޑައުންގެ މުއްދަތުގައި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައިވެއެވެ. އަދި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންގުމުގައި ވެއެވެ.
އެ އެންގުމުގައި އިތުރަށް ބުނެފައިވަނީ، މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭއަށް ފެންނަ ހާލަތުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުމަށް ބަދަލުގެނެސް، ލުއިތަކެއް ގެނެވޭނެ ކަމަށެވެ.
ލޮކްޑައުންގެ މުއްދަތުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ދިނުމާއި މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅަށް މީހުން އަރައި ފޭބުން މަނާވާނެއެވެ.
ނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކުގެ އިތުރުން ފުލުހުން ހުއްދަދޭ ފަރާތްތައް މިފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާލެ ލޮކްޑައުން ކޮށްފައިވާ މުއްދަތު އިތުރުކުރަން ނިންމާފައިވާއިރު ކުރިއަށް އޮތް ދެ ހަފްތާގައި ރާއްޖޭގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ސިއްހީ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މި މަހުގެ 15 އާއި 31 އާ ދެމެދު ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ހުންނާނީ 1000 އާއި 1600 އާ ދެމެދުގައި ކަމަށެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު ޕީކަށް އަރާނެ ކަމަށް ބެލެވޭ ކަމަށާއި އެދުވަހު ކޮވިޑަށް ޕޮޒިޓިވް 1600 އެއްހާ މީހުން ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.