ކުއްލި ޚަބަރު

ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވެއްޖެ

އަލީ ޔާމިން

ކޮވިޑް 19އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަމުން އައި ވިޔަފާރިވެރިޔާ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ފަރުވާދެމުން އައި 88 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ މިރޭ 11:15 ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މިރޭ އަވަހާރަވެފައިވަނީ އެމްއެޗްއޭގެ ވެރިޔާ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲއެވެ.

ހުސައިން އަބްދުﷲ އަކީ ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި އާމިނަތު އާދަމް، 83ގެ ފިރިމީހާއެވެ.

މަރޮށީ ހުސައިން އަބްދުﷲ ނުވަތަ މަރޮށީ ހުސައިން ކަލޭފާނަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް އަރުވާފައިވަނީ 2011 ވަނަ އަހަރުއެވެ. ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ހުސައިން އަބްދުﷲ އަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވައިފައެވެ. އަދި އޭގެ 13 އަހަރު ދުވަސްފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ސަރުކާރުން ވަނީ އަރުވައިފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ ހަތަރަކަށް އަރައިފައެވެ. މީގެ ކުރިން ރާއްޖެއިން މަރުވީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. އަދި ތިންވަނައަށް މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.