އެހެން ރަށްރަށަށް ކޮވިޑު ފެތުރުމުގެ ފުރުސަތު އެނގިތިބެ ދެވެން ނެތް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެހެން ވިދާޅުވެފައިވާ އިރު، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިވަގުތު އެންމެ ރަނގަޅުވާނީ ރަށްރަށަށް މީހުން ފޮނުވައި، އެ ރަށްރަށުގައި ހުރި ކަރަންޓީނު ފެސިލިޓީތަކުގައި ބެހެއްޓުން ކަމަށް ވިދާޅުވެފައެވެ.
މަބްރޫކު ވިދާޅުވީ މި ބައްޔަކީ ފެތުރިދާނެ ބައްޔެއް ކަމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށާއި ތައްޔާރުވަމުން އައީ ވެސް ރާއްޖެއަށް ވެސް މި ބަލި އައިސްދާނެ ކަމަށް ބަލައިގެން ކަމަށެވެ.
"މިހާރުވެސް މި ދައްކާ ވާހަކައަކީ މި ބަލި ރާއްޖޭގެ ތެރޭގައި ފެތުރިދާނެއޭ، މާލޭގައި ކޮންޓެއިންކުރަން މަސައްކަތްކުރަން ޖެހެއޭ. މިކަމުގައި ދެ ކަމެއް އަޅުގަނޑު ފާހަގަކޮށްލާނަން. ފުރަތަމަ ކަމަކީ ކާވް ފްލެޓަން ކުރުން. އޭގެ މާނައަކީ ކޮމިއުނިޓީ ސްޕްރެޑްވާ ވަރު އަޅުގަނޑުމެން އެބަޖެހެއޭ ދަށްކުރަން. އެއް ރަށުން އަނެއް ރަށަށް ބަލި ގޮސް، މުޅި ރާއްޖޭގައި އެއް ފަހަރާ ބަލި ފެތުރިގެންފިނަމަ، އެ ސާޖް އަންނަ އިރުގައި ޕީކް އަޅުގަނޑުމެންނަށް ހިފެހެއްޓޭ ވަރަށްވުރެ މައްޗަށް އަރައިގެން ދާނެ. އަޅުގަނޑުމެންގެ މެޑިކަލް ސިސްޓަމަށް ކޯޕް ނުކުރެވޭ ހިސާބަކަށް ގޮސްދާނެ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ވީވަރަކުން ރާއްޖޭގެ ހުރިހާ ރަށެއް ވެސް ރައްކާތެރިކުރުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށާއި ފަހަރުގައި އެހެން ރަށްތަކަށް ވެސް މި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށެވެ. އެހެންނަމަވެސް އެހެންނޭ ކިޔާފައި އެކަމަށް އަމަލުނުކޮށް، ފިޔަވަޅު ނާޅާ ތިބޭ ބަޔަކަށް މި ސަރުކާރު ވާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ ވީވަރަކުން ބަލާނީ ހުރިހާ ރަށެއް ވެސް، އެ ހުރި ހިސާބުގައި މި ބަލި ފެތުރުނަ ނުދީ ހިފެހެއްޓޭތޯ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން އެއީ މިކަމުގައި އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން އަމަލުކުރަމުން މިދަނީ." އޭނާ ވިދާޅުވިއެވެ.