ކުއްލި ޚަބަރު

ޕޮޒިޓިވްވި ބިދޭސީންތަކެއް ގެއްލުނުތާ ހަފުތާއެއް ވެއްޖެ

1

ކޮވިޑް 19އަށް ޕޮޒިޓިވްވި ބިދޭސީންތަކެއް ގެއްލުނުތާ ހަފުތާއެއް ވެފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އެމީހުން ގެއްލުނުކަން އެނގުނީ އައިސޮލޭޝަނަށް ގެންދިއުމަށްޓަކައި ކުރި މަސައްކަތުން ކަމަށެވެ.

"ހައެއް، ހަތެއް މެއި، އެ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ. އެއީ ސާމްޕަލް ނެގުމަށްފަހު ޕޮޒިޓިވްވުމުން، ޕޮޒިޓިވްވާ ބޭފުޅުން އައިސޮލޭޝަނަށް ގެންދިއުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރޭގައި އެކަން އެނގިގެން ޕޮލިހަށް ވަނީ އަންގާފައި. އެބޭފުޅުންނާ ކޮންޓެކްޓް ނުވެގެން އަދި ތިބި ތަންތަނުން ނުފެނިގެން އެންގީ. ކޮންޓެއިންމަންޓް ސައިޓަކުން އަދި އެހެން އެޑްރެސްތަކުން ގެންދެވުނު ތިން ބޭފުޅަކު ވެސް އޭގައި ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ރެންޑަމް ސާމްޕަލުގެ ތެރެއިން ޕޮޒިޓިވް ހަތް މީހަކު ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި އަނެއް ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރެންޑަމް ސާމްޕަލިން އިން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ހަތް ކޭސްއެއް، އެ ހަތް މީހަކު އަޅުގަނޑުމެންނަށް ގުޅޭނެ ގޮތް ނުވެގެން އެޗްޕީއޭގެ ފަރާތުން ޕޮލިހަށް އެ މައުލޫމާތު ހިއްސާކޮށްފައިވޭ. މި ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމަންޓް ސައިޓުތަކުގައި އުޅެމުންދިޔަ މީހުން. އަދި ތިން މީހުންނަކީ ތަފާތު އެހެން އެޑްރެސްތަކުގައި އުޅެމުންދިޔަ މީހުން. އެޗްޕީއޭގެ ފަރާތުން ޕޮލިހަށް މިކަން އެންގުމާއެކީގައި އެބޭފުޅުން މީގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ހޯދާފައި. ތިން މީހަކު އަދި ނުފެނި ތިބިކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ އެމީހުން ނުފެނިއްޖެ ނަމަ، ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން އެމީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟