ކޮވިޑުން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެހީންނާއި 14 ބިދޭސީން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު އަށް މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށެވެ. އެއާއެކު ރާއްޖޭގައި ކޮވިޑް ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 26 ދިވެހިންނާއި 14 ބިދޭސީން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ، ބަލިން ރަނގަޅުވިކަން ކަށަވަރު ކުރަން ހަދާ ދެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ދެއްކުމުން ނެވެ. އެ ޓެސްޓު ހަދަނީ މޮޑެރޭޓް ކޭސްތަކުގައި އަލާމަތްތައް ފެންނަތާ 14 ދުވަސް ހަމަކުރުމަށްފަހު އެވެ.
ނަމަވެސް ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައިވަނީ، އެންމެން ބަލިން ރަނގަޅުވުން ހުންނަނީ އެއް ރޭޓެއްގައި ނޫން ކަމަށާއި ރާއްޖޭގައި ބަލިން ރަނގަޅުވާން ނަގާ މުއްދަތު ދިގު ކަމަށެވެ.
ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 955 އަށް އަރާފައިވާއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝް މީހުންގެ އަދަދު ވަނީ 506 އަކަށް އަރައިފައެވެ. ދެން ހިމެނެނީ 316 ދިވެހިންނާއި އިންޑިއާގެ 98 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލްގެ 11 މީހެއްގެ އިތުރުން ސްރީ ލަންކާގެ ހަ މީހަކާއި ޕާކިސްތާނުގެ ތިން މީހެއް އަދި ނިސްބަތްވާ ވަކި ގައުމެއް ނޭނގޭ ހަތަރު މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ތިން މީހެކެވެ. އެއީ ދެ ދިވެހިންނާއި ބަންގުލަދޭޝް މީހެކެވެ.