ކުއްލި ޚަބަރު

އިންޑިއާ މަނަވަރުން ފުރި ދެމީހަކު ޕޮޒިޓިވްވީ ކަމުގެ މައުލޫމާތު ލިބިފައެއް ނެތް: މަބްރޫކް

އިންޑިއާ މަނަވަރުން ފުރި ދެމީހަކު ޕޮޒިޓިވްވީ ކަމުގެ މައުލޫމާތު ލިބިފައެއް ނެތް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ މިހާތަނަށް ރަސްމީ ގޮތަކަށް އެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ތިކަމުގެ ހަބަރުތައް ނޫހުން އެބަ ފެނޭ. އެކަމަކު އޮފިޝަލް ޗެނެލްސް މެދުވެރިކޮށް އަޅުގަނޑުމެންނާ ހަމައަކަށް އެކަމުގެ މައުލޫމާތު ލިބިފައެއް އަދި ނެތް،" އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ މަނަވަރުގައި ރާއްޖެއިން ދިޔަ ޓެމިލްނާޑުގެ ސްޓޭޓެއް ކަމަށްވާ ޓްރިޗީގެ ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ވަނީ ރިޕޯޓުކޮށްފައެވެ. އެ ނޫހުން ބުނާގޮތުގައި އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މަނަވަރު އިންޑިއާއަށް ދިއުމަށްފަހު، އޭގައި ތިބި މީހުން އިއްޔެ ޓެސްޓުކުރުމުންނެވެ.

ރާއްޖޭގައި ދިރިއުޅޭ 900 އަށްވުރެ ގިނަ އިންޑިއާގެ ރައްޔިތުން ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އަނބުރާ ގައުމަށް ގެންގޮސްފައެވެ. މަނަވަރުގައި މިދިޔަ ހުކުރު ދުވަހު 750 މީހަކު ގެންދިޔަ އިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ 202 މީހަކު ގެންގޮސްފައެވެ.

އިންޑިއާއަށް ދާ ރައްޔިތުން ފުރަތަމަ ޖެހޭނީ ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާށެވެ. އެމީހަކު ދާން ބޭނުންވާ ސްޓޭޓަކަށް ދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހުއެވެ.