އަލީ ޔާމިން
ކޮވިޑު ޖެހުނު މީހުންގެ ތެރޭން ހަތަރު މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ވެންޓިލޭޓަރަށް ނުލި ނަމަވެސް އެކެއްގެ ހާލު ދެރަވެގެން ގާތުން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.
"މިވަގުތު ކޮވިޑް 19ގެ ޕޮޒިޓިވް ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަޅުގަނޑުމެން މިދަނީ. ދެން އިތުރު އެކަކު ތަންކޮޅެއް ހާލު ދެރަކޮށް ވެންޓިލޭޓަރުގައި ނޫނަސް ކަންޑިޝަން ސީރިއަސްކޮށް ފަރުވާ ދެމުން އެބަ ގެންދެވޭ،" ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.
ޑރ. މޫސާ މުރާދު ވިދާޅުވީ، އެ ފަސް ބަލި މީހުން ފިޔަވައި އެހެން އެންމެންގެ ހާލު ސްޓޭބަލް ކަމަށާއި، އިތުރަށް ފަރުވާއެއް ދޭން ޖެހޭ ފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ބައްޔަށް ޕޮޒިޓިވްވި ގިނަ މީހުންނަށް އެއްވެސް ފަރުވާއެއް ދީފައިނުވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ އަމިއްލައަށް ބަލި ރަނގަޅުވަންދެން ބައިތިއްބާފައި ތިބި މީހުން ކަމަށް ޑރ. މުރާދު ވިދާވިއެވެ.