އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމަށް އެއްބާރުލުންދިނުމަށް ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގެންފިއެވެ.
އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަމުން އަންނަ މީހުންނަކީ ކޮވިޑް ޖެހުުމުގެ ފުރުޞަތު ބޮޑު ބަޔަކަށްވާތީ، އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވައިލަންސް ފަށާފައިވާ ކަމަށް ޑރ. އަފްޒަލް ރޭ ވަނީ ވިދާޅުވެފައެވެ. އެއީ އެމީހުންގެ ތެރޭގައި ބަލި ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށެވެ. އަދި އެކަމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާއްމުންގެ އެއްބާރުލުން ނުލިބޭ ކަމަށާއި ބައެއް މީހުން ސާމްޕަލް ދިނުމަށް އިންކާރުކުރާ ކަމަށެވެ.
ނަމަވެސް ރެންޑަމްކޮށް ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ސާމްޕަލް ނެގުމަށް އިންކާރު ކުރަމުންދަނީ ކޮވިޑަށް ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވުމަކީ އެކަށިގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވައިލަންސެއް ފަށާފައިވާއިރު ކޮވިޑާ ގުޅިގެން މިދިޔަ މާޗް މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން ވަނީ ރާއްޖޭގައި ތިބި އުމުރުން 65 އަހަރަށް ވުރެ މަތީގެ މީހުން ރަޖިސްޓްރީ ވާން އެދިފައެވެ.
ނަމަވެސް އެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރަން ފެށުމުން ޖެންޑާ މިނިސްޓްރީން ވަނީ ރަޖިސްޓްރީވުމުގެ ކަންކަން ހުއްޓާލައިފައެވެ.