ކޮވިޑު ޖެހުނު އިތުރު 8 މީހުން ރަނގަޅުވެ، ބަލިން ފަސޭހަވީ އަދަދު 40 އަށް އަރައިފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ބަލިން ރަނގަޅުވި އަށް މީހުންނަކީ ވެސް ދިވެހިން ކަމަށެވެ. އަދި ރާއްޖޭގައި ކޮވިޑް ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 26 ދިވެހިންނާއި 14 ބިދޭސީން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ، ބަލިން ރަނގަޅުވިކަން ކަށަވަރު ކުރަން ހަދާ ދެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ދެއްކުމުން ނެވެ. އެ ޓެސްޓު ހަދަނީ މޮޑެރޭޓް ކޭސްތަކުގައި އަލާމަތްތައް ފެންނަތާ 14 ދުވަސް ހަމަކުރުމަށްފަހު އެވެ.
ނަމަވެސް ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައިވަނީ، އެންމެން ބަލިން ރަނގަޅުވުން ހުންނަނީ އެއް ރޭޓެއްގައި ނޫން ކަމަށާއި ރާއްޖޭގައި ބަލިން ރަނގަޅުވާން ނަގާ މުއްދަތު ދިގު ކަމަށެވެ.
ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 955 އަށް އަރާފައިވާއިރު ބަލީގައި ތިން މީހަކު ވަނީ މަރުވެފައެވެ. އެއީ ދެ ދިވެހިންނާއި ބަންގުލަދޭޝް މީހެކެވެ.