ރެންޑަމް ސާމްޕަލް ނެގި މީހުންގެ ތެރޭން ކޮވިޑަށް ޕޮޒިޓިވް ތިން މީހަކު މުޖުތަމައު ތެރެޔަށް ގެއްލިއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ކޮވިޑް ފެތުރިފައި އޮތްވަރު ދެނެގަތުމަށް ކުރެވޭ ރެންޑަމް ސާމްޕަލްގެ ތެރެއިން ސާމްޕަލް ނެގި ހަތް ބިދޭސީއަކަށް ގުޅޭގެ ގޮތް ނުވެގެން ފުލުހުންނަށް އެ މައްސަލަ ހިއްސާކޮށްފައިވާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، އެ ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމެންޓް ސައިޓްތަކުގައި އުޅެމުން ދިޔަ މީހުން ކަމަށާއި އަނެއް ތިން މީހުންނަކީ ތަފާތު ތިން އެޑްރެހެއްގައި އުޅެމުންދާ މީހުން ކަމަށެވެ.
"އެޗްޕީއޭގެ ފަރާތުން ފުލުހުންނަށް މިކަން އެންގުމާއި ގުޅިގެން މީގެ ތެރެއިން ހަތަރު މީހަކު ވަނީ ހޯދާފައި. އަދި ބާކީ ތިބި ތިން މީހުން އަދިވެސް ފެނިފައެއް ނުވޭ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ކޮވިޑުގެ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާ މީހުންނަށް ގުޅޭނެ ނަންބަރާއި ދިރުއުޅޭ އެޑްރެސް އެޗްޕީއޭއިން ނޯޓް ކޮށްފައި ހުންނަ ކަމަށެވެ. އަދި ގެއްލުނު މީހުން ހޯދަން ފެށީ އެމީހުން ދިރިއުޅޭ އެޑްރެހުންވެސް އެމީހުން ފެނިފައި ނުވުމުން ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މަސައްކަތުން އެމީހުން ނުފެނިއްޖެ ނަމަ، ޑިރެކްޓާ ޖެނަރަލް އޮފް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.