ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި ހަތް މީހަކު ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ، އޭގެން 4 މީހަކު ފުލުހުން ހޯދައިފި

އަލީ ޔާމިން

ކޮވިޑަށް ޕޮޒިޓިވްވި ހަތް މީހަކު ގެއްލުނު މައްސަލައެއް ފެންމަތިވެ، އޭގެ ތެރެއިން ހަތަރު މީހަކު ފުލުހުން ހޯދައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެކި ސައިޓްތަކާއި ރެންޑަމްކޮށް ނަގަމުން އަންނަ ސާމްޕަލްތައް ނެގުމަށްފަހު އެ މީހުންގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ހޯދުމަށްފަހު ޓެސްޓް ނަތީޖާ ހިއްސާ ކުރަމުން އަންނަ ކަމަށާއި އެގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ގުޅިފައި ނުވާތީ ފުލުހުންނަށް އެ މައްސަލަ ހިއްސާކޮށްފައިވާނެ ކަމަށެވެ.

މަބުރޫކް ވިދާޅުވީ ފުލުހުން ކުރި މަސައްކަތުން އެ ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ހޯދައިފައިވާ ކަމަށާއި ބާތީ ތިބި ތިން މީހުން އަދިވެސް ފެނިފައި ނުވާ ކަމަށެވެ.

"މި ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިމަންޓް ސައިޓްތަކުގައި އުޅެމުންދިޔަ މީހުން. ތިން މީހުންނަކީ ތަފާތު ތިން އެޑްރެސްއެއްގައި އުޅެމުންދިޔަ މީހުން. އެޗްޕީއޭގެ ފަރާތުން ފުލުހުންނަށް މިކަން އެންގުމާއި ގުޅިގެން މީގެ ތެރެއިން ހަތަރު މީހަކު ފުލުހުން މިހާރު ވަނީ ހޯދާފައި." މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެމީހުން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.