ކުއްލި ޚަބަރު

އިތުރު 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ އަދަދު 955 އަށް އަރައިފި

އިތުރު 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ އަދަދު 955 އަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރޭގެ ޕްރެސް ފެށިގެން މިރޭގެ ޕްރެސްއާ ހަމައަށް ޖުމްލަ 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ 51 މީހުންގެ ތެރޭގައި 26 މީހުންނަކީ އިންޑިއާ މީހުން ކަމަށެވެ. ދެން ހިމެނެނީ 12 ދިވެހިންނާއި ބަންގުލަދޭޝްގެ 11 މީހަކާއި ސްރީލަންކާ އަދި ނޭޕާލްގެ މީހެކެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝް މީހުންގެ އަދަދު ވަނީ 506 އަކަށް އަރައިފައެވެ. ދެން ހިމެނެނީ ދިވެހި 316 މީހަކާއި އިންޑިއާގެ 98 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލްގެ 11 މީހެއްގެ އިތުރުން ސްރީ ލަންކާގެ ހަ މީހަކާއި ޕާކިސްތާނުގެ ތިން މީހެއް އަދި ނިސްބަތްވާ ވަކި ގައުމެއް ނޭނގޭ ހަތަރު މީހެކެވެ.

މަބްރޫކު ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު އަށް މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކޮވިޑް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 40 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ތިން މީހެކެވެ. އެއީ ދެ ދިވެހިންނާއި ބަންގުލަދޭޝް ފިރިހެނެކެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.