ކޮވިޑް 19

ކޮވިޑް 19 : ވޫހާންގެ މުޅި އާބާދީގައި ހިމެނޭ 11 މިލިއަން މީހުން ޓެސްޓުކުރަން ނިންމައިފި

މިންހާ ފާއިޒް ރަޝާދު

ޗައިނާގެ ވޫހާން ޕްރޮވިންސްގައި ދިރިއުޅޭ އެންމެން، 11 މިލިއަން މީހުން ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައިވާކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެންމެ ފުރަތަމަ ކޮވިޑް19 ފެނުނު ވޫހާންގައި ހުރިހާ ރައްޔިތުން ކޮވިޑަށް ޓެސްޓު ކުރަން ނިންމި ނަމަވެސް އަދި އޮތީ އެކަން ޕްލޭން ކުރުމުގެ ފުރަތަމަ މަރުހަލާގައި ކަމަށް އެގައުމުން ބުނެއެވެ. ވޫހާން ޕްރޮވިންސްގައި ހިމެނޭ ހުރިހާ ޑިސްޓްރިކްޓްތަަކަކަށް 10 ދުވަސްތެރޭ އެބައެއްގެ ހިސާބުގައި އުޅޭ މީހުން ޓެސްޓު ކުރުވޭނެ ގޮތެއް ކަނޑައަޅައި އެކަން އަންގައިދިނުމަށް ވަނީ އެދިފައެވެ.

11 ހަފުތާ ވަންދެން ވޫހާން ލޮކްޑައުނުގައި އޮތުމަށްފަހު އަށެއް އޭޕްރިލްގައި ހުޅުވީ ތިނެއް އޭޕްރިލްގެ ފަހުން އިތުރު ޕޮޒިޓިވް ކޭސްއެއް ފެނިފައިނުވާތީއެވެ. ނަމަވެސް ފާއިތުވި ހަފުތާ ބަންދުގައި ބައްޔަށް ޕޮޒިޓިވް ހަ މީހަކު ވަނީ ފެނިފައެވެ.

ވޫހާން ހުޅުވާލީ ނިއުނޯމަލްގައެވެ. އެގޮތުން ސްކޫލުތައް ހުޅުވައި، ވަޒީފާތަކަށް މީހުން ނުކުންނަން ފަށާފައިވާއިރު ޕަބްލިކް ޓްރާސްޕޯޓުތައްވެސް ވަނީ ބޭނުން ކުރަން ފަށައިފައެވެ. މިހުރިހާ ކަމެއްގައިވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއްވަނީ އަޅައިފައެވެ. ނަމަވެސް މި ފެނުނު ކްލަސްޓާ ކޭސް، އެވެސް އެއް ބިލްޑިންގްއެއްގައި ދިރިއުޅޭ ބަޔަކު، ފެނުމުން އަނެއްކާވެސް ބިރުވެރިކަން ވަނީ އުފެދިފައެވެ.

ވޫހާން ޔުނިވާސިޓީގެ ޑިރެކްޓަރަކު ބުނީ އެ ޕްރޮވިންސުގެ އާބާދީގެ 3-5 މިލިއަން މީހުން މިހާރުވެސް ޓެސްޓު ކުރެވިފައިވާ ކަމަށާއި އިތުރު 6-8 މިލިއަން މީހުން 10 ދުވަސް ތެރޭގައި ޓެސްޓު ކުރުމަކީ އުނދަގޫކަމަކަށް ނުވާނެ ކަމަށެވެ.