ސްޕެއިންގެ އެންމެ ދުވަސްވީ މީހާ، މާރިޔާ ބްރޭންޔަސް އުމުރުން 113 އަަހަރުގައި ކޮވިޑުން ރަނގަޅުވެއްޖެއެވެ.
މާރިއާއަށް ކޮވިޑު ޖެހުނުކަން އެނގުނީ މާޗްމަހު އެގައުމު ލޮކްޑައުން ކުރި ތަނާވެ. އެތައް ހަފްތާއެއް ވަންދެން އައިސޮލޭޝަނުގައި އޮތުމަށްފަހު މާރިއާ ރަނގަޅުވެފައިވަނީ ބަލީގެ ވަރަށް ކުޑަ އަލާމާތްތަކެއް ފެނުމަށްފަހު ކަމަށް އެގައުމުން ބުނެއެވެ.
މާރިއާ ވަނީ 1936 އިން 1939 އަށް ދުނިޔޭގައި ހިނގި "ސްޕެނިޝް ސިވިލް ވޯ" އާއި 1918 އިން 1919 އަށް ދުނިޔޭގައި ފެތުރުނު "ފްލޫ ޕެންޑަމިކް" އާވެސް ކުރިމަތިލައިފައެވެ.
"މަންމަގެ ހާލު ރަނގަޅު. އުޅެނީ ވާހަކަ ދައްކަން. ކަންކަން ކިޔައިދޭން. ބޭނުންވެގެން އުޅެނީ މިކަމުން އަރައިގަތް ގޮތް އެހެން މީހުނަށް ފިލާވަޅަކަށްވާން. އެއީ ހަމަ މަންމަގެ ގޮތް" މާރިއާގެ އަންހެން ދަރިފުޅު ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
މާރިއާ އުފަންވީ 1907 ގައި މެކްސިކޯގައެވެ. އޭގެ ދެއަހަރު ފަހުން އޭނާ ވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބައްޕައާއެކު ސެން ފްރަންސިސްކޯއަށް ބަދަލުވެފައެވެ. އޭނާގެ ބައްޕަ އަކީ ނޫސްވެރިޔެކެވެ. މާރިއާއަށް ތިން ކުދިން ލިބިފައި ވެއެވެ. އޭގެ ތެރެއިން ދޮށީ ދަރިފުޅަށް 86 އަހަރުވެއްޖެއެވެ. 11 މާމަދަރިން ލިބިފައިވާއިރު މުނިމާމަ ކިޔާ 13 ކުދިން އެބަ ތިއްބެވެ. އެންމެ ދޮށީ މާމަ ދަރިފުޅަށްވެސް 60 އަހަރު ފުރިއްޖެ އެވެ.
ސްޕެއިންގެ އޮލޮޓް ސިޓީގެ ކެއާ ހޯމެއްގައި ދިރިއުޅެމުން އަންނަ މާރިއާ މިދިޔަ އަހަރު އެގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ހަޔާތުގެ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. ދިރިއުޅުމުގައި ރީގްރެޓް ކުރާ ކަމެއް ނެތްކަމަށާއި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވިއްޖެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.