ކުއްލި ޚަބަރު

އަލަށް ގެންނަ މެޝިންތަކުން މަސައްކަތް ފެށުމުން، ދުވާލަކަށް 1000 ޓެސްޓް ހެދޭނެ: މަބްރޫކް

އަލީ ޔާމިން

އަލަށް ގެންނަ މެޝިންތަކުން މަސައްކަތް ފެށުމުން، ދުވާލަކަށް 1000 ޓެސްޓް ހެދޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި ޓެސްޓު ކުރެވޭ ވަސީލަތްތަކީ ވަރަށް ބޮޑަށް މެނުއަލް ޕްރޮސެސް ބޭނުންވާ ވަސީލަތްތަކެއް ކަމަށެވެ. އެގޮތުން އެކަމަށް ގިނަ އަދަދެއްގެ ލެބް ޓްކްނީޝަނުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖެ ގެންނަ އާ މެޝިންތަކަކީ ބޮޑަށް އޮޓޮމޭޓެޑް ޕްރޮސެސްއެއް އެކުލެވޭ މެޝިންތަކެއް ކަމަށާއި އެތަކެތީގެ އެހީގައި ކޮންމެ ދުވަހަކު ޓެސްޓު ކުރެވޭ މިންވަރު 1000 އަށްވުރެ އިތުރު ކުރެވޭނެ ކަމަށެވެ.

"މިހާރު ވަރަށް ބޮޑަށް ލޭބާ ޕްރޮސެސްއެއް އެކުލެވޭ މެޝިނަރީސް އަޅުގަނޑުމެން މިހާރު ބޭނުން ކުރަނީ. ކޮންމެ ސްޓެޕެއްގަވެސް ލެބޯޓަރީ ޓެކްނީޝަނުން މަސައްކަތް ކުރަން ޖެހޭ. އަލަށް މިހާރު ގެންނަން މަސައްކަތް މިކުރާ މެޝިންތަކަކީ އެއަށްވުރެ ބޮޑަށް އޮޓޮމޭޓެޑް ޕްރޮސެސްއެއް ހުންނަ މެޝިންތަކެއް. އެހެންކަމުން އެއިން ކޮންމެ މެޝިނަކުން ހެދޭ ސާމްޕަލްގެ އަދަދު އިތުރުވެ އެއަށް ބޭނުންވާ ލެބް ޓެކްނީޝަނުންވެސް މަދުވާ ކަހަލަ އިތުރު މެޝިނަރީސް ގެނެވުމުގެ މަސައްކަތް އެބަކުރަން. 1000 އަށްވުރެ ގިނަ ސާމްޕަލް ނެގެންވާނެ ދުވާލަކު މިހާރު މިގެންނަ މެޝިންތަކާއެކުގައި،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިމަހުގެ 16ހާ ތާނގައި ރާއްޖެއަށް ގެނެއުމަށް މަސައްކަތް ކުރާ އެކްސްޓޭކްޝަން މެޝިނާއެކީގައި ދުވާލެއްގެ މައްޗަށް 600 މީހުން ޓެސްޓު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މިމަހުގެ ތެރޭގައި ރާއްޖެ ގެނެވޭ ޖީން އެކްސްޕާޓް މެޝިންތަކަށް ލައްވާ 25،000 ކާޓްރިޖާއެކުވެސް ޓެސްޓު ކުރެވޭ މިންވަރު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޓެސްޓު ކުރެވެނީ 300-350 ސާމްޕަލެވެ.