ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރަނގަޅުވާން ނަގާ މުއްދަތު އާންމު މިންގަނޑަށްވުރެ ދިގު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ، ބަލިން ރަނގަޅުވިކަން ކަށަވަރު ކުރަން ހަދާ ދެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ދެއްކުމުންނެވެ. އެ ޓެސްޓު ހަދަނީ މޮޑެރޭޓް ކޭސްތަކުގައި އަލާމަތްތައް ފެންނަތާ 14 ދުވަސް ހަމަކުރުމަށްފަހުއެވެ. ނަމަވެސް ޕޮޒިޓިވްވާ ބައެއް މީހުން އައިސޮލޭޝަންގައި ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ވެސް ތިބެންޖެހެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެންމެން ބަލިން ރަނގަޅުވުން ހުންނަނީ އެއް ރޭޓެއްގައި ނޫން ކަމަށާއި ރާއްޖޭގައި ބަލިން ރަނގަޅުވާން ނަގާ މުއްދަތު ދިގު ކަމަށެވެ.
"އަޅުގަނޑުމެންގެ ރިކަވަރީ ޑޭޓްސް އަންދާޒާ ހިސާބުތަކަށްވުރެ ތަންކޮޅެއް ދިގު ކަމަށް މިފެންނަނީ. މިހާތަނަށް ލިބުނު ރިކަވަރީ ޑޭޓްސްއަށް ބަލައިފިކަމަށްވާނަމަ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 904 އަށް އަރާފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 32 މީހެކެވެ.