ކުއްލި ޚަބަރު

ރަށްރަށުން ބަލިވެގެން އަތޮޅު ހޮސްޕިޓާތަކަށް ރިފާ ކުރާ މީހުން ގެންދަން ދެކޮޅު ހެދުމުގެ ހުއްދައެއް ނެތް: މަބްރޫކް

ރަށްރަށުން ބަލިވެގެން އަތޮޅު ހޮސްޕިޓާތަކަށް ރިފާ ކުރާ މީހުން ގެންދަން ދެކޮޅު ހެދުމުގެ ހުއްދައެއް ނެތް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ރަށެއްގައި ހުންނަ ކޮވިޑާ ގުޅުން ނެތް ބައްޔެއްގެ މީހަކު އިތުރު ފަރުވާއަށް، އަތޮޅު ހޮސްޕިޓަލަށް ނުވަތަ އެހެން ރަށެއްގައި ހުންނަ ސިއްހީ މަރުކަޒަކަށް ގެންދަން އެ ހޮސްޕިޓަލަކުން ނުވަތަ މަރުކަޒަކުން ދެކޮޅު ހަދަމުން އަންނަ ކަމުގެ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އަދި އެފަދަ ހޮސްޕިޓަލްތަކުގެ ބައެއް ޑޮކްޓަރުން ވެސް އެހެން ރަށްރަށުން އަންނަ މީހުންނަށް ފަރުވާ ދޭން އުޒުރުވެރިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން "ވަން" އިން ސުވާލު ކުރުމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އުސޫލެއްގެ ގޮތުން އިތުރު ސަބަބަކާ ނުލައި އެހެން ރަށަކުންދާ އެހެން ބައްޔެއްގެ ޕޭޝަންޓުންނަށް ހިދުމަތް ދިނުމަށް ހޮސްޕިޓަލްތަކުން ދެކޮޅެއް ނެހެދޭނެ ކަމަށެވެ.

"އެކަމުގައި އަމަލުކުރަން މިއޮންނަ ގޮތަކީ ބަލިމީހާ ހުރި ރަށުގެ ޓާސްކު ފޯސްގައި އެރަށުގެ ހެލްތު ސެންޓަރެއް ވިޔަސް ހޮސްޕިޓަލެއް ވިޔަސް ހިމެނޭނެ، އެބޭފުޅުން އެލާތް ކުރައްވަން ސެންޓްރަލީ މާލޭގައި އޮންނަ ޓީމަށް. އޭރުން އެރިފާ ކޮށްފައި އޮންނަ ހޮސްޕިޓަލަށް ދަތުރުކުރުން. އެއް އޮޕްޝަނަކީ. އަނެއް އޮޕްޝަނަކަށް ވާނީ. އެތަނުން ހިދުމަތެއް ނުދެވިގެން ކަމަށްވާނަމަ އެހެން ހޮސްޕިޓަލަކަށް އަލުން ރީ ރިފާ ކުރައްވާފަ އެ އެރޭޖްމަންޓުތައް ހެދުން،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަމުގައި އަމަލުކުރާނެ އުސޫލުތަކެއް ރަށު ފެންވަރުގައި ހެދުމުގެ ހުއްދަ ޓާސްކު ފޯސްތަކަށް ދީފައި އޮންނާނެ ކަމަށާއި ނަމަވެސް އެކަންކަން ނިންމާއިރު އެންއީއޯސީއާ މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ.