ކުއްލި ޚަބަރު

އެން 95 މާސްކަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭނެ މާސްކެއް: ޑރ. އަފްޒަލް

އެން 95 މާސްކަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭނެ މާސްކެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިން އެން 95 މާސްކު ބޭނުންކުރަމުން އަންނަނީ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ގެ ގައިޑްލައިނާ އެއްގޮތަށް ހެދިފައިވާ އެސްއޯޕީތަކުގެ ދަށުން ކަމަށެވެ.

"އެން 95 މާސްކު ބޭނުންކުރަނީ ސީޑީސީގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ހެދިފައިވާ ވަކި އެސްއޯޕީތަކެއްގެ ދަށުން. އަދި އެ މާސްކަކީ ރީޔޫސްކުރެވޭ މާސްކެއް. ރީޔޫސްކުރަން އިންނަ ވަކި މިންވަރަކަށް ރީޔޫސްކުރެވޭނެ. އަދި އެއަށްފަހު އެ ޑިސްކާޑު ކުރުމުގެ ކަންތައް އޮންނާނީ. އެހެންވީމާ އެކަން ކުރެވެނީ ގައިޑްލައިނުގެ ދަށުން،" އޭނާ ވިދާޅުވިއެވެ.

އެން 95 މާސްކާ ގުޅޭގޮތުން ޑރ. އަފްޒަލް ވާހަކަދައްކަވާފައި މިވަނީ ރާއްޖޭގެ ބައެއް ހޮސްޕިޓަލުތަކުން އެން 95 މާސްކު އެއް ފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރަމުންދާ ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވަނިކޮށެވެ.

މިމަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 20،000 އެން 95 މާސްކު ގެނެސްފައެވެ. ނަމަވެސް ރާއްޖެއަށް ގެނެސްފައިވާ މާސްކުތަކުގެ ތެރެއިން ބޮޑުބައެއް ބޭނުންކުރާނީ ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތައް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.