ރާއްޖޭގައި ފަރުވާދެމުން އައި އިތުރު މީހަކު ކޮވިޑް 19 އިން ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ އަދަދު 32 އަށް އަރައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 52 ކަމަށެވެ.
އޭނާއަކީ އުލިގަމުން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާގެ އިތުރުން މާލެއިން ބޭރުން، މީހުން ދިރިއުޅޭ ރަށަކުން ކޮވިޑަށް ޕޮޒިޓިވްވީ ފުރަތަމަ މީހާއެވެ. އޭނާ ޕޮޒިޓިވްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އޭނާއާ ކޮންޓެކްޓުވި އިތުރު ހަތަރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 904 އަށް އަރާފައިވާއިރު އެބަލީގައި ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.