މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އެކުލަވާލައި، މިއަދުން ފެށިގެން އެއަށް އަމަލުކުރަން ފުލުހުންނަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަންގަވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، ގާނޫނުއަސަސާސީގެ 223 ވަނަ މާއްދާގެ (ރ)ގެ ދަށުން ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލައި ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، އެކުލަވާލި "ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަަމަލުކުރާނެ ގޮތުގެ އިރުޝާދު"ގެ ދަށުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ތަހުގީގުކުރާ މައްސަލައަކާއި ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން މީހަކު ބަންދުކުރެވިފައިވާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު މައްސަލައިގެ ތަހުގީގުގައި ހޯދިފައިވާ ކުރިއެރުންތަކާއި، ތަހުގީގުގައި ކުރުމަށް ގަސްްދުކޮށްފައިވާ ކަންކަން އެނގޭގޮތަށް، ތަހުގީގުގެ މިސްރާބު ޕީޖީއާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން އެފަދަ މައްސަލައެއްގެ ތުހުމަތުކުގައި މީހަކު ހައްޔަރުކޮށްފައި ނުވާނަމަ، ނުވަތަ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާނަމަ ކޮންމެ 15 ދުވަހަކުން އެ ކަންކަން ޕީޖީއާ ހިއްސާކުރަން ޖެހޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
އެ އޮފީހުން އިތުރަށް ބުނީ، މި އިރުޝާދުގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ނިންމުމަށްފަހު އެ އޮފީހަށް ހުށަހަޅާއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ގޮތާއި މިސްރާބު ހުރި ގޮތާއި ތަހުގީގަށް ހޯދިފައިވާ އަސާސީ މައުލޫމާތާއި ހޯދިފައިނުވާ މައުލޫމާތަކީ ކޮބައި ކަމާއި އެ މައުލޫމާތު ހޯދިފައި ނުވާ ސަބަބާއި އެ މައްސަލައާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަމެއް ވާނަމަ އެކަންކަން ހިމެނޭ ބަޔާނެއް ތަހުގީގުކުރި ފަރާތުން ހުށަހަޅަންޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން އެ ބަޔާނުގައި، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ ތެރެއިން އަދަބަށް އަސަރުކޮށްފާނެ ކަންކަމުގެ މައުލޫމާތާއި މައްސަލާގައި ހިމެނޭ ހެކިންނަށް ނުރަނގަޅު ނުފޫޒެއް ފޯރާފާނެކަމުގެ އިހްތިމާލު އޮތްނަމަ، އެކަމުގެ މައުލޫމާތާއި އެ މައްސަލައާ ގުޅޭގޮތުން ތަހުގީގު ކުރި ފަރާތުން ދެކޭގޮތް ބަޔާންކުރަންޖެހޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.