އެމްއެންޑީއެފް

ކޮވިޑަށް ޕޮޒިޓިވް ވި ސިފައިންގެ އަދަދު 40 އަށްވުރެ މައްޗަށް އަރައިފި، އެކަމަކު ސިފައިން ފަހަތަކަށް ނުޖެހޭނެ: ޝަމާލް

ކޮވިޑަށް ޕޮޒިޓިވް ވި ސިފައިންގެ އަދަދުމިހާތަނަށް އައި އިރު 40 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި އެހެން ނަމަވެސް ސިފައިން އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ށްޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ، ސިފައިންނަކީ ރިސްކުގައި މަސައްކަތްކުރާނެ މީހުން ކަމަށާއި ކޮވިޑް ފެތުރެން ފެށިފަހުން އެކަމަށް އެންމެ ބޮޑަށް ހުށަހެޅުނު ބަޔަކީ ވެސް ސިފައިން ކަމަށެވެ.

"އެންމެ ގިނަ މީހުން ޕޮޒިޓިވްވެ، އެންމެ ބޮޑަށް އެކްސްޕޯސްވި އެއް މުއައްސަސާއެއް މި މުއައްސަސާއަކީ. މިހާރު ވެސް 40 އަށްވުރެ ގިނަ ކުދިން ޕޮޒިޓިވް ވެފައި ތިބިއިރު އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އެކަން. އަދިވެސް ޕޮޒިޓިވްވާނެ ސިފައިން،" ޝަމާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން ސިފައިންގެ އޮޕަރޭޝަން ފެށުމާއެކު ސިފައިންގެ ފައުޖު ރައްކާތެރިކުރުމުގެ އުސޫލެއް އެކުލަވާލާފައިވާނެ ކަމަށާއި އަދި އެ އުސޫލުގެ ދަށުން ބައްޔާ ގުޅުންހުރި އެންމެ އާދައިގެ ކަންކަމަށް ސިފައިން ހޭލުންތެރިކޮށް، ތަމްރީން ކުރުމާއި ސިފައިންގެ ތެރޭގައި ކަރަންޓީނު ކުރުމާއި އެކަހެރިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައިވާނެ ކަމަށެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ސިފައިންގެ ހިތްވަރު ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ބަލި ޖެހޭ މީހުން އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު އެކަމަށް ވެސް އެންމެ ބޮޑަށް ހުށަހެޅޭނެ އެއް ބަޔަކީ ސިފައިން ކަމަށެވެ.

ނަމަވެސް ސިފައިން ތިބީ އެކަމަށް ވެސް ތައްޔާރުވެ، ގައުމު އަވަހަށް ސަލާމަތްކޮށް އާންމު ހާލަތަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ކަމަށް ވެސް ވިދާޅުވިއެވެ.