ކޮވިޑުގެ މިހާލަތުގައި، ގިނަ އެޖެންސީތަކެއް ބައިވެރިވެގެން ކުރިޔަށް މިގެންދާ ހަރަކާތަކީ، ރާއްޖޭގެ ތާރީހުގައި ވެސް ކުރިޔަށްގެންދާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ، ކޮވިޑާ ގުޅިގެން ސިފައިންނާއެކު ކަމާގުޅުން ހުރި ހުރިހާ މުއައްސަސާއެއްގެ މިންނެތް މަސައްކަތް އެބަ އޮތް ކަމަށެވެ.
ހާއްސަކޮށް ކޮވިޑުގެ ކާރިސާ ރާއްޖެއަށް ކުރިމަތިވީއްސުރެ ކޮންމެ ރެއަކު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަންކަން ނިންމުމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ގުޅުއްވައި އިރުޝާދު ދެއްވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވަރަށް ގިނަ ބަޔަކު އެކީގައި ކުރާ މަސައްކަތް، ވަރަށް ރަނގަޅު ސިނާޖީއެއް މިހާރު މިއޮތީ ހެދިފައި. އަޅުގަނޑުމެން ކުރިއަށް މިއޮތް ސާޖަށް ނުވަތަ ފެތުރިގެން މިދާނެ ސްޕްރެޑަށް ކުރިމަތިލާނީ ކެރިގެން. ސިފައިން ވެސް މީގަ އެންމެ ބޮޑު ރޯލެއް ކުޅޭނެ. ނަގަންޖެހޭ ރިސްކަކަށް ނުވަތަ މީހަކަށް ކަމެއް ވެދާނެތީ އެކަމަކަށް އަޅުގަނޑުމެން ނުވިސްނާނަން،" ޝަމާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ކާރިސާގައި ސިފައިންގެ އެންމެ ތިރީގެ ފައުޖުތަކުގެ ވިސްނުން ވެސް ހުރީ ސިފައިންގެ ލީޑާޝިޕްގައި ހުރި ވިސްނުމާއި ޖޯޝު ކަމަށާއި މިކަމުގައި އެންމެ ފަހު މީހާއާ ހަމައަށް އަދި ކިތަންމެ ގިނަ ބަޔަކު ޕޮޒިޓިވްވިޔަސް ފަހަތަށް ނުޖެހި ސިފައިން ބާރަށް ކުރިއަށްދާނެ ކަމަށެވެ.