އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ގ. އެރިއަދޫ އަބްދުﷲ ޝަމާލް، މިރޭ އައްޔަނު ކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށް މަޤާމުގެ ފަތްކޮޅު ދެއްވުން އޮތީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޗީފް އޮފް ޑިފެންސް ފޯސް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.

ސިފައިންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ލިޔުމެއް އާއްމު ކުރި ކަމަށް ބުނެ ސިފައިންގެ ވަޒީފާއިން 2013 ވަނަ އަހަރު ޝަމާލް ވަކިކުރި ނަމަވެސް، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން އެ ވަޒީފާ ދިނުމަށް ހައިކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ 15 ދުވަހުގެ ތެރޭގައި ޝަމާލަށް އަލުން ވަޒީފާ ދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބުނު ދުވަހާ ހަމައަށް އޭނާގެ މުސާރައާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށެވެ.

އެ ހުކުމުގައި ވަނީ ސޯޝަލް މީޑިއާގައި އޭރު ދައުރުވި ލިޔުމަކީ ޝަމާލު އާއްމު ކުރި ލިއުމެއްކަން ހުށަހެޅި ބަޔާންތަކާއި ސިއްރު ލިޔުންތަކުން އެނގެން ނެތް ކަމަށާއި އަދި އެފަދަ ކަމެއް ޝަމާލް ކުރި ކަން ދައުލަތަށް ކިޔައިދެވިފައި ނުވާ ކަމަށެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޝަމާލު ވަޒީފާއިން ވަކިކޮށްފައި ވަނީވެސް، އޮންނަ އުސޫލާ ހިލާފަށް ކަމަށާއި އެގޮތުން މީހަކާ މެދު އިދާރީ ފިޔަވަޅެއް އެޅިއްޖެ ނަމަ މައްސަލަ ބެލުމުގައި އެމީހަކާ ސުވާލުކޮށް، އެމީހަކަށް ދިފާއުވާން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ޝަމާލަށް ދިފާއުވާން ފުރުސަތުދެވިފައި ނުވާ އިރު ސިފައިންގެ އޭރުގެ ނިންމުމަކީ އަދުލުވެރި ނިންމުމެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.