އެމްއެންޑީއެފް

ސިފައިން ތިބީ ގައުމީރޫހާއި ޖޯޝުގައި، ނުކުމެ މިތިބީ ބަލި ޖެހޭކަން އެނގިތިބެ ގައުމު ސަލާމަތްކުރަން: ޝަމާލް

ކޮވިޑުގެ މިހާލަތުގައި، ސިފައިންގެ ސަފުތައް ތިބީ ގައުމީ ރޫހާއި ޖޯޝުގައި ކަމަށާއި ނުކުމެ މިތިބީ ބަލި ޖެހޭނެކަން ވެސް އެނގިތިބެ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ، ކޮވިޑާއި ދެކޮޅަށް ސިފައިން ފްރަންޓްލައިންގައި ހަރަކާތްތެރިވަނީ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ޓަކައި ކަމަށާއި މި މަސައްކަތުގައި އުޅޭއިރު ބަލި ޖެހޭނެކަން އެނގޭ ކަމަށެވެ. އަދި ސިފައިންގެ ފަރާތުން މި ފަދަ ދަނޑިވަޅެއްގައި ފެނިގެން ދަނީ ގައުމީ ރޫހާއި ޖޯޝު ކަމަށްވެސް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިފައިން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބި ނަމަވެސް އެމީހުންނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށާއި، ކޮވިޑުގެ ސާޖަކާ ދިމާއަށް ދާއިރު، އެހެން މުއައްސަސާތަކާއެކު އެންމެ ބުރަކޮށް، މަސައްކަތްކުރާ އެއް ބަަޔަކަށް ސިފައިން ވެގެންދާނެ ކަމަށެވެ.

"މި ސާޖުތެރެއަށް ވަދެގެންދާއިރު އެހެން މުއައްސަސާތަކާއެކީގައި އެންމެ ބޮޑު މޫވްމެންޓެއް ނަގާނެ ބަޔަކަށް ސިފައިން ވެގެންދާނެ. އެހެންކަމުން އެކަމަށް ތައްޔާރަށް ސިފައިން މިތިބީ. ސިފައިން މިތިބީ މިކަމުން ރައްޔިތުން އަވަހަށް ސަލާމަތްކުރުމަށްޓަކައި، ގައުމު އަވަހަށް ސަލާމަތްކުރުމަށްޓަކައި، ނޯމަލްސީއަށް ގެނައުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރަން. ސިފައިންގެ ތެރޭގައި ހިތްވަރާއި، ޖޯޝާއި މޯޓިވޭޝަން ވަރަށް ހައި." ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، އާރްއާރްޓީ ޓިމުތަކުގެ އިތުރުން ބަލި މީހުން ކަނޑުމަގުންނާއި، ވައިގެ މަގުން ފެސިލިޓީތަކަށް ގެންދިއުމުގައިވެސް ސިފައިން ހަރަކާތްތެރިވާ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ 25 އައިސޮލޭޝަން ފެސިލިޓީއެއް ސީދާ ސިފައިންގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާލް ވިދާޅުވީ، އާއިލާތަކާއި ވަކިން އުޅެން ޖެހިފައިވާ ސިފައިންނަށް އާއިލާތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގު ފަހިކޮށްދިނުމަށް ސިފައިންގެ ތެރޭގައި ވެލްފެއާ ސިސްޓަމް އިތުރަށް ހަރުދަނާކޮށްފައިވާނެ ކަމަށެވެ.

ޝަމާލް ވިދާޅުވީ، ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ނޭޝަނަލް އެކްޝަން ޕްލޭނެއް ހެދި އެ ޕްލޭނާއި އެއްގޮތަށް ސިފައިން އަމަލު ކުރަމުން އަންނަ ކަމަށެވެ.