އެމްއެންޑީއެފް

ސިފައިން ދެކެނީ ކޮވިޑުގެ މިހާލަތަކީ ގައުމީ ހަނގުރާމައެއް ކަމަށް، ފަހުމީހާއާ ހަމަޔަށް ދެމިތިބޭނަން: ޝަމާލް

ސިފައިން ގަބޫލުކުރަނީ ކޮވިޑުގެ މި ހާލަތަކީ ގައުމީ ހަނގުރާމައެއްގެ ގޮތުގައި ކަމަށާއި އެންމެ ފަހު ފަހުމީހާއާ ހަމަޔަށްވެސް ރއްޔިތުންގެ ހައްގުގައި ސިފައިން ދެމިތިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ، ސިފައިންނަކީ ގައުމާއި ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި ގުރުބާންވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި، އެންމެ ފަހު މީހާއާ ހަމަޔަށްވެސް ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސިފައިން ސާބިތުވެ ތިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ޕޮޒިޓިވް ވިޔަސްވެސް ހެޔޮކަމަށް ކަހަލަ ގޮތަކަށޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ. ދެން އަޅުގަނޑުމެންނަކީ ގައުމު ދިފާއުކޮށް ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި ގުރުބާންވުމަށްޓަކައި ހުވާކޮށްގެން ތިބޭ ބައެއް. އެހެންކަމުން އަޅުގަނޑުމެންނަށް ގައުމަށް ދިމާވި މިހާ ބޮޑު ކަމެއްގައި އަނެއްހެން އަޅުގަނޑުމެން ހަމަ ގަބޫލު ކުރަނީ މީ ހަނގުރާމައެއްގެ ގޮތުގައި. އެހެންކަމުން މި ފަދަ ހާލަތެއްގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ" ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާލް ވިދާޅުވީ، ކޮވިޑުގެ ކަންކަމުގައި ގިނައިން ހަރަކާތްތެރިވާނީ ސިފައިންގެ ސަޕޯޓް ސާވިސްގެ ބޭފުޅުން ކަމަށާއި، ނަމަވެސް ސިފައިންގެ ތެރޭގައި ހުރި އެހެން ފޯސްތައްވެސް ގައުމީ ނުރައްކަލެއް ކުރިމަތިވެއްޖެ ހިނދެއްގައި އެކަމާ ދެކޮޅަށް ނުކުތުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި އެކަމަށް ސިފައިންގެ ކޮމްބެޓް ފޯސްވެސް އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ކޮވިޑާ ދެކޮޅަށް މުޅި ގައުމު މަސައްކަތް ކުރަމުން މިދާ ނާޒުކު ދަނޑިވަޅުގައި ގައުމީ ސަލާމަތަށާއި، ރައްޔިތުންނަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށް ސިފައިން ނުދޭނެ ކަމަށެވެ. އެހެންކަމުން މި ހާލަތުގެ ނާޒާއިޒު ފައިދާ އެއްވެސް ފަރާތަކުން ނަގަން މަސައްކަތް ނުކުރުމަށް ޝަމާލް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑާއި ދެކޮޅަށް ސިފައިން ފްރޮންޓްލައިންގައި ހަރަކާތްތެރިވާއިރު، މިހާތަނަށް 40 އަށްވުރެ ގިނަ ސިފައިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.