އަލީ ޔާމިން
އާބާދީގެ ނިސްބަތުން ޓެސްޓު ކުރެވޭ އަދަދު ރާއްޖޭގައި ގިނަވީމަ ޓެސްޓު ކިޓު އިތުރަށް ލިބުމަށް އުނދަގޫވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެހެން ގައުމުތަކުން ޓެސްޓު ކުރާ ނިސްބަތަށް ބަލާއިރު އާބާދީގެ ގޮތުން ރާއްޖެއަށް ރަނގަޅު އަދަދަކަށް ޓެސްޓު ކުރެވޭ ކަމަށެވެ. ނަމަވެސް އަދިވެސް ޓެސްޓިކް ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އާބާދީގެ ނިސްބަތުން ޓެސްޓު ކުރެވޭ އަދަދު ރާއްޖޭގައި ގިނަވީމަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ޓެސްޓު ކިޓު އިތުރަށް ލިބުމަށް އުނދަގޫވާ ކަމަށެވެ. އެގޮތުން ޓެސްޓު ކިޓު ދިނުމުގައި ޑަބްލިޔުއެޗްއޯއިން އިސްކަންދެނީ އާބާދީގެ ނިސްބަތުން އެންމެ މަދުން ޓެސްޓުކޮށްފައިވާ ގައުމުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެސްޓު ކުރެވޭ ނިސްބަތަށް ބަލާއިރު އަޅުގަނޑުމެންނަށްވެސް ރަނގަޅު އަދަދަކަށް ޓެސްޓު ކުރެވެމުންދޭ. އެހެންވީމަ އަޅުގަނޑުމެންނަކަށް ނޯވޭ މިސާލަކަށް ޑަބްލިޔުއެޗްއޯގެ ޕްރިއޯރިޓީ ލިސްޓުގެ އެއްވަނަގައި މި ތަކެތި ލިބުމަށް،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް އެކްސްޓޭކްޝަން މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޖީން އެކްސްޕާޓް މެޝިނަށް ލައްވާ 25،000 ކާޓްރިޖް މިމަހުގެ ތެރޭގައި ލިބޭނެ ކަމަށާއި އެއާއެކުވެސް ޓެސްޓު ކުރެވޭ ނިސްބަތް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑަށް ޓެސްޓު ހެދި ނިސްބަތުން ރާއްޖެއަކީ ސާކުގެ އެއްވަނަ ކަމަށާއި އޭޝިއާގެ ވެސް ޓޮޕް 5 ގައި ހިމެނޭނެ ކަމަށެވެ.
ރާއްޖޭގެ މިހާރު ޓެސްޓިން ކެޕޭސިޓީއަކީ ދުވާލެއްގެ މައްޗަށް 300 އާއި 350 ދެމެދުގެ އަދަދެއްގެ ޓެސްޓެވެ.