ކުއްލި ޚަބަރު

ނިއު ނޯމަލްގެ އުސޫލުތައް އެކުލަވައިލާން ފަށައިފި

ރާއްޖޭގެ ނިއު ނޯމަލްގެ އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ނިއު ނޯމަލްއަކަށް ދިއުމަށް މިހާރު ވިސްނާފައި ހުރީ ފޭސްތަކަކަށް ބަހާލައިގެން އެ މަސައްކަތް ކުރާ ގޮތަށް ކަމަށެވެ.

އަޅުގަނޑުމެންނަށް އައިޑެންޓިފައި އެބަ ކުރެވޭ ސްޓްރެޓީޖިކް އޭރިއާސްތަކަކީ ކޮބައިކަން. މިވަގުތު އެ މަސައްކަތްކުރެވެމުންދަނީ އެއިން ކޮންމެ އޭރިއާއަކަށް ނަގަން ޖެހޭ އެކްޝަންތައް ވަކިވަކިން ކޮންމެ ޓީމަކުން ވެސް މަސައްކަތްކުރަމުން އެބަދޭ. ލިޔެކިޔުމުގެ ކަންކަން ތައްޔާރުކުރުން، ކޮމިއުނިކޭޓްކުރުން އަދި އެ އެއްޗެހި އެންފޯސްކުރުމަށް ކުރަން ޖެހޭނެ ކަންތައްތައް ވަކިވަކި އެކްޓިވިޓީތަކެއްގެ ގޮތުގައި ލިޔެ ފުލް ޑްރާފްޓެއް ހެދި، އޭތި ފައިނަލައިޒްވީމަ އަޅުގަނޑުމެން ތިބޭފުޅުންނާ ހަމައަށް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ހިއްސާކުރާނަން. އެ މަސައްކަތް އެބަދޭ ކުރިއަށް،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރުވެސް އެސްއޯޕީތަކަކާއި އާންމުންނަށް ދޭންޖެހޭ އިރުޝާދުތައް އުސޫލެއްގެ ގޮތުގައި ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭގައި ނިއު ނޯމަލްގައި އާންމުންނާއި މުއައްސަސާތަކުން ކަންކަން ކުރަންޖެހޭނެ ގޮތް ހިމަނާނެ ކަމަށެވެ.

"ޕަބްލިކުން ކަންތައް ކުރަން ޖެހޭނެ ގޮތާއި އެކި އެހެން މުއައްސަސާތަކުން ކަންތައް ކުރަން ޖެހޭނެ ގޮތާއި މިފަދަ ކަންކަމަށް ރިއާޔަތްކޮށް އިންސްޓްރަކްޝަންތަކެއް ހެދެމުންދޭ. އެހެންވީމާ އެ ފައިނަލައިޒްވެގެން އަޅުގަނޑުމެން އާންމުންނަށް ވަކިން އަންގާނަން. ތައްޔާރުވީމާ އަޅުގަނޑުމެން ވެސް ތިބޭފުޅުންނަށް ވަކިވަކިން ދޭނަން. އަލަށް ނިއު ނޯމަލްއަކަށް ދެވޭ އިރު، އެ ނިއު ނޯމަލްގައި ކިހިނެއްތޯ ދިރިއުޅުން ބަހައްޓަންޖެހޭނީ." އޭނާ ވިދާޅުވިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ އަންނަ ޖުލައި ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި ނިއު ނޯމަލްއަކަށް ދެވޭނެ ކަމަށް ބެލެވޭ ކަމަށާއި ނިއު ނޯމަލްގައި ފިޔަވަޅުތަކަކާއެކު ރާއްޖޭގެ ބޯޑަރު ވެސް ހުޅުވާލެވޭނެ ކަމަށެވެ. އަދި ނިއު ނޯމަލްގެ މިންގަނޑު މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.