ކޮވިޑާ ގުޅިގެން ކަރަންޓީނުގައި ތިބި ނަރުހުންގެ އަދަދު 21 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހަކު ބައްޔަށް ޝައްކުކުރެވިއްޖެއްޔާ ހުންނާނީ ކަރަންޓީނު ކުރެވިފައި ކަމަށެވެ.
"އެބޭފުޅުން މަސައްކަތަކަށް ނުނިކުންނަވާނެ. އެގޮތަށް 21 ނަރުހެއް އެބަހުރި އެކަހެރިކުރެވިފައި. އެބޭފުޅުންގެ ސާމްޕަލްގެ ނަތީޖާ ނެގި، ނެގަޓިވްކަން ކަށަވަރުވުމާ ހަމައަށް ތިއްބަވާނީ ކަރަންޓީނުގައި،" އޭނާ ވިދާޅުވިއެވެ.
ފްރަންޓްލައިނުގައި މަސައްކަތްކުރާ ބައެއް މީހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ފުލުހުން އަދި ސިފައިންގެ މީހުން ވެސް ހިމެނެއެވެ.
ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެ ފަރާތްތަކަށް ވަކިން ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަން ވަނީ ހަމަޖައްސައިދީފައެވެ.