ކޮވިޑުގެ ކޭސްތަކަކާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނައި އަމާޒު ބޯޓު އާންމު ހާލަތަށް ގެނެސްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އަމާޒު ބޯޓު އާންމު ހާލަތަށް ގެނެސްފައިވަނީ މިއަދު ކަމަށެވެ.
"މިވަގުތު މޮނީޓަރިންގެ ހާލަތުގައި ހުރި ތަންތަނުގެ އަދަދަކީ 308. މޮނީޓަރިންގެ ހާލަތުގައި އޮތް އަމާޒު ބޯޓު މިވަނީ އާންމު ހާލަތަށް ގެނެވިފައި،" އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި އަމާޒު ބޯޓުން ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓުގެ ކައްޕިއެވެ. އެއަށްފަހު ށ. ނަރުދޫން އިތުރު ދިހަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ކައްޕިގެ އަންހެނުންނާއި އެ ދެމެފިރިންގެ ތިން ދަރީންނާއި، ކައްޕިއާ އެއް ގެއެއްގައި އުޅޭ އަންހެނަކާއި ބޯޓުގައި މަސައްކަތްކުރާ ދެ ފަޅުވެރިންގެ އިތުރުން އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅު ހިމެނެއެވެ.
އަމާޒު ބޯޓު ނ، ށ، ހއ އަދި ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކޮށްފައިވެއެވެ. އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރުމަށް އެ އަތޮޅުތަކުގެ ބައެއް ރަށްތައް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.