ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 31 އަށް

ރާއްޖޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު އެކަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

"ރޭގެ ޕްރެސްއަށްފަހު 27 ޕޮޒިޓިވް ކޭސްއެއް ފެނިފައިވޭ. މީގެ ތެރޭގައި ފަސް އަހަރުގެ ކުއްޖެއް ވެސް ހިމެނޭ. ޕޮޒިޓިވްވެފައިވާ ޖުމްލަ ދިވެހިންގެ އަދަދަކީ 285. އަދި ބިދޭސީންގެ އަދަދަކީ 567. މި ބައްޔަށް ބޭސްކުރެވެމުންދާ މީހުންގެ ތެރެއިން އިތުރު މީހަކު މިވަނީ މި ބަލިން ރަނގަޅުވެފައި. އަދި މިވަގުތު ފަރުވާދެވެމުންދާ 826 ފަރާތެއް އެބަތިބި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 331 އާ ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 800 އަށްވުރެ ގިނަ މީހުން އަދި ކަރަންޓީނު ފެސިލިޓީތަކުގައި 1200 އަށްވުރެ ގިނަ މީހުން ތިބިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އައިސޮލޭޝަން ފެސިލިޓީތަކުގައި 855 މީހުން މިވަގުތު އެބަތިބި. އަދި ކަރަންޓީނު ފެސިލިޓީތަކުގައި 1232 މީހުން އެބަތިބި. ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 352 މީހުން އެބަތިބި. ކަރަންޓީނު ފެސިލިޓީތަކުން މިއަދު މިވަނީ 87 މީހަކު ދޫކޮށްލެވިފައި. އަދި އިތުރު 20 މީހެއްގެ ސާމްޕަލް ވަނީ ނެގިފައި. އެ ސާމްޕަލްތައް ނެގަޓިވްވުމާއެކީ އެބޭފުޅުން ދޫކޮށްލެވޭނެ." އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް 862 މީހަކު ފެނިފައިވާ އިރު, އޭގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 31 މީހެކެވެ. އަދި ބަލި ޖެހުނު ތިން މީހަކު ވަނީ މަރުވެފައެވެ. އެއީ ދެ ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.