މުހައްމަދު އައުޒަމް
ސިންގަޕޫރުގައި އިޖުތިމާއީ ގައިދުރުކަން ތަންފީޒުކުރުމަށް ރޮބޮޓް ކުއްތާ ބޭނުންކުރަން ފަށައިފިއެވެ.
ސިންގަޕޫރު ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނީ މި ކުއްތާތައް ހަރަކާތްތެރިވާނީ ޕާކުތަކުގައި ކަމަށާއި އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ ފަރާތްތަކަށް ރެކޯޑުކޮށްފައިވާ މެސެޖެއް ރޮބޮޓް ކުއްތާ އިއްވާނެއެވެ.
މި ރޮބޮޓް ތަކަކީ ސިންގަޕޫރު ސަރުކާރުން ޕާކުތަކަށް ދޫކޮށްފައިވާ ރޮބޮޓް ކުއްތާ ތަކެކެވެ. ސިއްހީ ގޮތުން ރައްކާތެރި ތަނަކަށް ސިންގަޕޫރު ހެދުމަށާއި ތިމާގެ އަމިއްލަ ރައްކާތެރިކަމާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި އެންމެ މަދުވެގެން އެއް މީޓަރުގެ ދުރުމިނެއް ގެންގުޅުމަށް މި ރޮބޮޓް ކުއްތާތައް ނަސޭހަތްތެރި ވާނެ އެވެ.
ކޮވިޑް 19 މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަ ގައުމުތަކުގައި ލޮކްޑައުނަށް ލުއިދޭން ފަށާފައިވާއިރު، އިޖުތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.
ސިންގަޕޫރުގެ ބިޝާން އަންގ މޯ ކިއޯ ޕާކުގައި ފުރަތަމަ ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ މިކުއްތާގެ ޓެސްޓުތަކަށް ބަލައި އިތުރު ސަރަހައްދުތަކެއްގައި ބޭނުން ކުރަން ނިންމާފައިވާކަމަށް އެބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ މި ކުއްތާގެ ސަބަބުން އެއްވެސް މީހަކު ޓްރެކް ނުކުރާނެކަމަށާއި ވަކި މީހަކު ނުހޯދާނެކަމަށެވެ. އަދި އެއްވެސް މީހެއްގެ ޒާތީ އެއްވެސް މައުލޫމާތެއް ރައްކާ ނުކުރާނެކަމަށް ބަޔާނުގައި ވެއެވެ.
ސިންގަޕޫރަކީ ކޮވިޑް19 ފެތުރިގެންދިއުމުގައި ތަފާތު ތަޖުރިބާއެއް ކޮށްފައިވާ ގައުމެކެވެ. އެގައުމުން ފުރަތަމަ 200 މީހުންނަށް މި ވައިރަސް ޖެހުނު އިރު އޭގެފަހުން ދެވަނަފަހަރަށް ފެތުރިގެން އައި އިރު އެގައުމުން 20000 މީހުން ޕޮޒިޓިވެ ވެފައިވެއެވެ.