ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

ބޭރަށް ހިންގުމާއި ޑެންގީ ހުން ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބޭރަށް ހިންގުމާއި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސްވި ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޮޑުލައި ބޭރަށް ހިންގުން އިތުރުވަމުންދާކަން ރެކޯޑްތަކުން ދައްކާ ކަމަށެވެ.

އަދި ފާއިތުވެ ދިޔަ ދެ ހަފްތާގެ ތެރޭގައި 1666 ކޭސް އެޗްޕީއޭއަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެއީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ފަސް ގުނަ އިތުރު އަދަދެއް ކަމަށް ބުނެފައިވެއެވެ.

އަދި އެ ބަލި ޖެހެނީ ކާބޯތަކެތީގެ ޒަރިއްޔާ އިން ނުވަތަ ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ކަމަށާއި އެބަލިން ރައްކާތެރިވުމަށް ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމާއި ރައްކާތެރި ބޯފެން ބޭނުންކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.

މީގެއިތުރުން އެޗްޕީއޭގެ ބަޔާނުގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުސްވި ނޮވެންބަރު މަހުން ފެށިގެން ޑެންގީހުން ފެތުރެމުންދާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ޑެންގީ ހުން ޖެހިގެން ފާއިތުވެ ދިޔަ ދެ ހަފްތާގެ ތެރޭގައި 186 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި އެއީ ފާއިތުވެ ދިޔަ އަހަރުގެ މުއްދަތުގެ ތެރޭއާއި އަޅާ ބަލާއިރު ހަ ގުނަ އިތުރު އަދަދެއް ކަމަށާއި އެހެންކަމުން ދުރަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށްޓައި އުކާލާ ކުނީގެ ބާވަތްތައް ފެން ހަރުލާ ގޮތަށް ނުބެހެއްޓުމަށާއި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މިދުވަސްވަރު ހޮޑުލައި ބޭރަށް ހިންގުމުގެ އިތުރުން ޑެންގީ ހުން ފެތުރެމުންދާ މައްސަލައިގައި އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން އެޗްޕީއޭއިން ވަނީ ނޫސްވެރިންނަށް ކަމާބެހޭ މައުލޫމާތު ހިއްސާކުރައްވައިފައެވެ.