އިބްރާހިމް ޒަކީ
ކޮވިޑް 19 ގެ މިހާލަތުގައި، ތަކެތި ވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ ފިހާރަތަކުން، ގައިދުރުކަން ކަށަވަރުކުރުމާއި އެނޫން ގޮތްގޮތުން ވެސް އަޅަން އަންގާފައިވާ ސަލާމަތީ ފިޔަވަޅުތައް ނާޅާ ފިހާރަތަކުގެ ހުއްދަ ބާތިލުކުރަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފި އެވެ.
އެކަން އަންގައި އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާ ގުޅިގެން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކުމުގެ ހުއްދަ ފިހާރަތަކަށް ދޫކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރައްކާތެރި ކަމުގެ ގޮތުން އެމިނިސްޓްރީން ކުރަން އަންގާފައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާ ތަންތަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލުކުރުމަށް ނިންމާފައިވާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
ސަލާމަތީގޮތުން ފިހާރަތަކުން އަޅަން އަންގާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި، ފިހާރައިގެ ކުޑަ ބޮޑު މިނަށް ބަލައި، އެންމެ ގިނަވެގެން ވަދެވޭނެ ކަސްޓަމަރުންގެ އަދަދު ބޭރަށް ފެންނާނެހެން ބެހެއްޓުމާއި، ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ހިދުމަތްދޭ ގަޑީގައި، ނޭފަތާއި އަނގަމަތި ފޮރުވޭ ގޮތަށް، މާސްކު އަޅައި، ދެ އަތް ތިލައަށް އަންގިލައްވައިގެން ތިބުން ހިމެނެ އެވެ.
މީގެ އިތުރުން އެ ފިހާރައެއްގައި މަސައްކަތްކުރުމުގެ ހުއްދަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ފަރާތްތައް ފިޔަވައި، އިތުރު މީހުން އެ ފިހާރަ ތެރޭގައި ނުބޭތިއްބުމާއި، ފުލުހުން ހުއްދަ ދީފައިވާ ފިހާރައެއްނަމަ، އެ ފިހާރަޔަކުން ހިދުމަތް ދިނުމަށް ހުޅުވާފައި ހުންނަ ގަޑިތަކުގައި، ގަވާއިދުން ހުޅުވަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެހެންކަމުން މިނިސްޓްރީން އަންގާފައިވާ ގޮތަށް ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށްވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފައި ވެއެވެ.