އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އެ ހޮސްޕިޓަލުގައި "ހެލްޕާސް"ގެ ގޮތުގައި އެކި ޑިޕާޓުމެންޓްތަކުގައި މަސައްކަތް ކުރަމުން އަންނަ 12 ބިދޭސީން ކަމަށެވެ.
އެމީހުންނަކީ ހުޅުމާލޭގައި ހުންނަ އެ ހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މުވައްޒަފުން ކަމަށާއި އެ ބްލޮކުގައި ޖުމްލަ 40 މުވައްޒަފަކު ދިރިއުޅޭ ކަމަށް އަފްއާލް ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ އެމީހުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ އަށްވަނަ ދުވަހު ކަމަށާއި ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކުރެވި، ދެންތިބި މީހުން ކަރަންޓީން ކުރެވިފައިވާ ކަމަށެވެ. ބައްޔަށް ޕޮޒިޓިވްވެފައިވަނީ ނޭޕާލާއި ބަންގުލަދޭޝްގެ މުވައްޒަފުން ކަމަށާއި އެމީހުންނަށް ބަލި ޖެހުނީ އޭޑީކޭ ހޮސްޕިޓަލުން ނޫން ކަމަށް ބެލެވޭ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހޮސްޕިޓަލުގައި ވަރަށް ސްޓްރިކްޓްލީ ހަމަ އެސްއޯޕީތަކަށް ފޮލޯ ކުރަމުން މިދަނީ. ކިރިޔާވެސް އަލާމާތެއް ހުރިތޯ ބަލަން. އެހެންކަމުން އަޅުގަނޑަށް ނުބެލެވޭ އެމީހުންނަށް ބަލި ޖެހުނީ ހޮސްޕިޓަލުން ކަމަކަށް. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް އެދަނީ. ކޮންޓެކްޓް ޓްރޭސިން ނިމުނީމަ ފައިނަލް ޖަވާބެއް ދޭން އެނގޭނީ،" އަފްއާލް ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ ޕޮޒިޓިވްވި މީހުން މިމަހުގެ ހަތްވަނަ ދުވަހުވެސް މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ. އަދި އެމީހުން ބައްޔަށް ޕޮޒިޓިވްވީ އެދުވަހު ބައެއް މީހުންގެ ފަރާތުން އަލާމާތްތައް ފެނިގެން އެޗްޕީއޭއަށް އަންގައި، އެޗްޕީއޭއިން ހެދި ޓެސްޓުތަކުން ކަމަށްވެސް ވިދާޅުވިއެވެ.