ކުއްލި ޚަބަރު

ހުޅުމާލެ ކޮވިޑް ފެސިލިޓީ ނިންމަން އިތުރު ދެ ހަފްތާ ނަގާނެ ކަމަށް ބެލެވޭ: މަބްރޫކް

ހުޅުމާލެ ކޮވިޑް ފެސިލިޓީ ނިންމަން އިތުރު ދެ ހަފްތާ ނަގާނެ ކަމަށް ބެލެވޭ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވިއެވެ.

ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 300 އެނދުގެ ފެސިލިޓީއެކެވެ. ނަމަވެސް އެތަން ތަރައްގީ ކުރަމުން އަންނަނީ ސާވިސް ބިލްޑިންއަކާއި އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތިބެވޭނެ އެކޮމަޑޭޝަން ބުލޮކަކާ ވެސް އެކުއެވެ.

އެތަނުގެ މަސައްކަތް ނިންމަން ފެނަކައިގެ 100 ވަރަކަށް މުވައްޒަފުންނާއި ބިދޭސީންގެ އިތުރުން ސިފައިން ވެސް ހަރަކާތްތެރި ވަމުން އަންނައިރު އެތަނުގެ މަސައްކަތުގައި އުޅުނު ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ މަސައްކަތް ވަނީ ހުއްޓިފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިން ވެސް ހިމެނެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ހުޅުމާލެ ފެސިލިޓީ ޓީމުގެ ތެރެއިން ޕޮޒިޓިވްވި ކޭސްތަކެއް ފެނިގެން ބަޔަކު އައިސޮލޭޓް ކުރަން ޖެހުމުން، ނިންމަން ބޭނުންވި ތާރީހަށް ނުނިމި، އޮޕަރޭޝަނަށް ލަސްތަކެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން އެތަން ނިންމަން އިތުރު ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ކުރިން ވިދާޅުވެފައިވާ ގޮތުން، ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެއީ ކޮންސްޓްރަކްޝަން މަސައްކަތަށް 12 މިލިއަން ރުފިޔާ އާއި މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް އިތުރު 28 މިލިއަން ރުފިޔާއެވެ.